މަތީ ސެޓުފިކެޓު ހޯދައިގެން ގައުމަށް ހިދުމަތްނުކުރާނަމަ އެ ސެޓުފިކެޓުގެ ބޭނުމެއް ނެތް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ބޭއްވި ސައިރިކްސް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ މަތީ ސެޓުފިކެޓު ހޯދައިގެން ގައުމަށް ހިދުމަތްނުކުރާނަމަ އެ ސެޓުފިކެޓުގެ ބޭނުމެއް ނެތް ކަމަށާއި ރަނގަޅު އަހުލާގައި ސުލޫކު ނެތް ނަމަ ކުރިއެރުމަކީ ދުރުގައި އޮތް ކަމެއް ކަމަށެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ގައުމު ތަރައްގީކުރުމަށް ބޭނުންވާ އެންމެހައި ކަންތައްތަކެއް ކޮށްދެއްވުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމުގައެވެ. ގައުމުގައި ހިނގާ ކަންކަމަށް އަބަދުވެސް ލޯ ހުޅުވައިގެން ތިބެ ގައުމުގައި ރަނގަޅު މުޖުތަމައުއެއް ބިނާކުރުމަށް މަސައްކަތް ކުރުމަށް ނައިބު ރައީސް ހުރިހާ ދަސްވެނީންނަށް ގޮވައިލެއްވިއެވެ.
ނައިބު ރައީސް ވަނީ ސައިރިކްސް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ކޮލެޖުން ރާއްޖޭގެ ތައުލީމީ ނިޒާމު އިތުރަށް ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ. ފާއިތުވި 25 އަހަރު ދުވަހުގެ ތެރޭގައި ސައިރިކްސް ކޮލެޖުން ވަނީ 23000 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވިފައެވެ.