ޚަބަރު

މަސްތުވާތަކެއްޗާއެކު ފަސް ދިވެހިން ހައްޔަރުކޮށްފި

އިބްރާހިމް ޒަކީ

މަސްތުވާތަކެއްޗާއެކު ފަސް ދިވެހިން މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރު ކޮށްފައިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ.

މައްޗަންގޮޅީގެ ގެއެއްގައި ދިރިއުޅޭބަޔަކު މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރަމުންދާ ކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު 06:55 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 20 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްގެ އިތުރުން 30 އަހަރުގެ ފިރިހެނަކާއި އަދި 44 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މި މީހުން ހައްޔަރުކޮށް އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 379 ރަބަރު ޕެކެޓު ފެނިފައިވާކަމަށެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިމައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.