"ޗިލްޑްރަންސް ޑޭ ކޭމްޕް 2019″ގެ ނަމުގައި ހާއްސަ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މިއަހަރުގެ ގައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން މި ހަރަކާތް އިންތިޒާމުކުރީ، ތިންކް މޯލްޑިވްސްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ރެޑް ކްރެސެންޓް އަދި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްއާ ގުޅިގެން ހުޅުމާލޭ ފަރުކޮޅުފުށީގައެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ މިފަދަ ކޭމްޕެއް އިންތިޒާމުކުރުމުގެ މަގްސަދަކީ ކުޑަކުދިން ބާރުވެރިކުރުވައި، އެކި ދާއިރާތަކުން އެ ކުދިންނަށް ބޭނުންވާނެ އާ ހުނަރުތައް އަށަގަންނުވައި، ކުޑަކުދިންނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތް ދަސްކޮށްދީ، މުސްތަގުބަލުގައި ކުދިން ކުރިއަށް ދާން ހިޔާރުކުރާ ދާއިރާތައް ކަނޑައެޅުމަށް އެހީތެރިކަން ދިނުންކަމުގައެވެ.
މި ހަރަކާތް ނިންމާލުމުގެ ގޮތުން ފަރުކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ މި ކޭމްޕުގައި އެކި އުމުރުފުރާގެ އެކި ސްކޫލްތަކުގެ ކުދިން ބައިވެރިވުމަކީ މި ކޭމްޕަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދިޔަ ކަމެއް ކަމަށާއި މި ކޭމްޕުން އުނގެނިގެން ދިޔަ ދިރިއުޅުމުގެ ހުނަރުތަކާ ގުޅިގެން މަސައްކަތްކުރުމާއި ލީޑަރޝިޕް ސްކިލްސްގެ އިތުރުން މުއާސަލާތުކުރުމުގެ ހުނަރު އަމަލީ މައިދާނުގައި އެންމެ ފުރިހަމައަށް ބޭނުން ހިފާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރަކީ “ކުޑަކުދިން ބާރުވެރިކުރުވުން” އެވެ.
މި ކޭމްޕުގައި މާލެއާއި ހުޅުމާލޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ގްރޭޑް 4، 5 އަދި 6ގައި ކިޔަވާ 49 ދަރިވަރަކު ބައިވެރިވެފައިވެއެވެ. މިއަދު ހެނދުނު 6 އިން ހަވީރު 6 އަށް ކުރިއަށްދިޔަ މި ކޭމްޕުގައި މި އަހަރުގެ ޝިއާރާ ގުޅޭގޮތުން ކުދިންނަށް ހާއްސަކުރެވިގެން އިންޑޯ އަދި އައުޓްޑޯ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވިފައިވެއެވެ. އެގޮތުން ކުޑަކުދިންގެ ސިއްހަތާއި ރަނގަޅު ކާނާ ތައްޔާރުކުރާނެ ގޮތާއި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި އަނިޔާއިން ރައްކާތެރިވާނެ ގޮތްތަކާއި އިންސާނީ ހައްގުތަކާއި ޓްރެފިކްގެ ގަވާއިދުތަކާ ގުޅޭ ގޮތުން މުހިންމު މަޢުލޫމާތުތަކެއް ސެޝަންތަކުގައި ފޯރުކޮށްދެވިފައިވެއެވެ.
މި ސެޝަންތަކުގެ ފެސިލިޓޭޓަރުންގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސަސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ޔުނިސެފް މޯލްޑިވްސް، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން (ޝީ)، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އަދި އޮއިޝީ ރެސްޓޯރެންޓް ބައިވެރިވެފައިވެއެވެ.