ޚަބަރު

އަމީނިއްޔާ ސްކޫލް ފެހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ގޯގްރީން ހަރަކާތް ރަސްމީކޮށް ފަށައިފި

އަލީ އިހްސާން

އަމީނިއްޔާ ސްކޫލް ފެހިކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ގޯގްރީން ހަރަކާތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

އަމީނިއްޔާ ސްކޫލް ފެހިކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ގޯގްރީން ހަރަކާތަކީ، އަމީނީއްޔާ ސްކޫލަށް 75 އަހަރުފުރުމުގެ ގޮތުން ކުރިއަށްގެންދާ އަލިމަސްޔޫބީލްގެ ހަރަކާތުގެ ތެރެއިން ހިމެނޭ ހަރަކާތެވެ. މިއަދު ހަވީރު ކުރިއަށްގެންދިޔަ މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއެވެ.

އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ މި މަސައްކަތް ސްކޫލުގެ ގޯތިތެރެއަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ކަމުގައިވީ ނަމަވެސް އުއްމީދު ކުރަނީ ކުރިއަށް އޮތްތަނުގައި ސްކޫލުގެ ކޮރިޑޯތަކުގައިވެސް ގަސް ހެއްދުން ކަމުގައެވެ. މީގެ އިތުރުން ގަސް އިންދައި ހެއްދުމުގެ މުހިއްމުކަމާ ގުޅޭގޮތުން އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ވަނީ ވާހަކަދައްކަވައިފައެވެ.

އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ ސްކޫލަށް 75 އަހަރު ފުރޭ އަލިމަސް ޔޫބިލް އަންނަނީ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ކަމަށާއި އެ ދުވަސް އަންނަނީ ސްކޫލްތަކުގެ އަހަރީ ޗުއްޓީއާ ދިމާކޮށްކަމަށްވާތީ އަހަރުގެ ދުވަސްތަކަށް ބަހާލައިގެން އަލިމަސްޔޫބީލްގެ ހަރަކާތްތައް ކުރިއަށް ގެންދަން ހަމެޖެހިފައިވާ ކަމުގައެވެ.

މިއަދު ކުރިޔަށް ގެންދިޔަ ގަސްއިންދުމުގެ ހަރަކާތުގައި ކުރީގެ ރައީސް މައުމޫނާއި އަމީނިއްޔާ ސްކޫލަށް ވަރަށް ގިނަ ދުވަސްތަކެއްވަންދެން ހިދުމަތްކުރެއްވި ދިވެހި މުދައްރިސާއެއް ކަމުގައިވާ ހައްވާ ޒާހިރާ ވަނީ ގަސްއިންދަވައި ދެއްވައިފައެވެ. މި ގަސްތައް ހަދިޔާ ކުރެއްވި ބޭފުޅުންގެ ތެރޭގައި ފަސްޓްލޭޑީ ފަޒްނާ އަހްމަދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަމީނިއްޔާ ސްކޫލުގެ އިސްދަރިވަރުން ހިމެނެއެވެ.