މިފްކޯއިން ތުތި ބޯވަދިލަމަހުގެ ބާވަތްތައް ތައާރަފްކޮށްފިއެވެ.
މިއަދު ހަވީރު މިފްކޯ މަސްފިހާރަ އެކެއްގައި ބޭއްވި އިވެންޓެއްގައި ތުތި ބޯވަދިލަމަހުގެ ބާވަތްތައް ތައާރަފްކޮށްދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ.
ތުތި ބޯވަދިލަމަހުގެ ބާވަތްތައް ތައާރަފްކޮށްދެއްވުމަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވީ ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަކީ ފުދޭވަރެއްގެ ރަނގަޅު އާމްދަނީއެއް ލިބޭކަމެއް ކަމަށާއި މިފްކޯއިން ތުތި ބޯވަދިލަމަސް ކިލޯއެއް ގަންނަނީ 180 ރުފިޔާއަށް ކަމަށެވެ. ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ދަސްކުރި ފަރާތްތަކުން މި މަސައްކަތް ވަރަށް ކާމިޔާބުކޮށް ކުރަމުން ގެންދާކަމަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވިއެވެ.
މިފްކޯއިން ބުނީ މަސްވެރިން ބާނާ ތުތިބޯވާދިލަމަސް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެނީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފަދަގޮތަކަށް ކަމުގައެވެ.
ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަސްވެރިކަމެކެވެ. ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ ތަމްރީނާއި އާލާތްތައް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރއިން ހަތް ފަރާތަކަށް ވަނީ މިއަހަރުގެ ތެރޭގައި ދީފައެވެ.