އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަނަށް އާމްދަނީގެ ގޮތުގައި މަހަކު 130 މިލިއަން ރުފިޔާ ލިބޭ ކަމަށާއި ނަމަވެސް މިދިޔަ ދެތިން މަސް ދުވަހުގެ ތެރޭގައިވެސް ކުންފުނީގެ ދަރަނި ދިޔައީ އިތުރުވަމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒް އެހެން ވިދާޅުވީ، ފުވައްމުލަކުގައި ކަރަންޓު ދިނުމަށް ދިމާވި މައްސަލައާއި ފެނަކަ އިން އުސޫލުތަކާ ހިލާފަށް މުވައްޒަފުން ވަޒީފާ އިން ވަކިކޮށް، އާ މުވައްޒަފުން ނަގަމުންދާ މައްސަލައާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ފެނަކައިގެ އިސް ބޭފުޅުން ހާޒިރުކޮށްގެން މިއަދު ބޭއްވި ބައްދަލުވުމުގައި ޖަވާބު ދެއްވަމުންނެވެ.
މުއާޒް ވިދާޅުވީ، ކުންފުންޏަށް އާމްދަނީގެ ގޮތުގައި މި ވަގުތު މަހަކު 130 މިލިއަން ރުފިޔާ ލިބޭ ކަމަށެވެ. ނަމަވެސް ހަރަދު ކަނޑާފައި ކޮންމެ މަހަކުވެސް ބޮޑު އެއްޗެއް ދަރަނީގެ ގޮތުގައި ދައްކަންޖެހޭތީ އަދިވެސް ކުންފުނީގެ ދަރަނި އިތުރުވަމުންދާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިސްލާމިކް ބޭންކުން 200 މިލިއަން ރުފިޔާގެ ދެ ލޯނެއް ނަގާފައިވާ ކަމަށާއި އެ ލޯނަށް މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ފަށާފައިވުމުން އެއީވެސް ދަރަނި އިތުރުވާ ސަބަބެއް ކަމަށެވެ. ނަމަވެސް އެއީ ކޮންއިރަކު ނެގި ލޯނެއް ކަމެއް އަދި ފެނަކައިގެ ދަރަނީގެ ތަފުސީލެއް އޭނާ ނުދެއްވައެވެ.