އިބްރާހިމް ޒަކީ
ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން ދިވެހި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ވެރިން މަޝްވަރާކޮށްފިއެވެ.
މިކަން ދިވެހި ރާއްޖޭގެ ދިފާއީ ބާރު (އެމްއެންޑީއެފް)އިން ވަނީ ހާމަކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ، ބަންޑާރަ ކޮށީގައި މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި، ގައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކާތަކާއި އެފަދަ ހާލަތްތަކުގައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ކަމާބެހޭ މުއައްސަސާތަކުގެ ވެރިންނާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލްގެ އިތުރުން، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހަސަން (ހަނަފީ) އާއި ފުލުހުންނާއި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާއިރު، އަވައްޓެރި ލަންކާގައި ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާތަކަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަކޮށްފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ. އަދި ރާއްޖެއިން ޓެރަރިޒަމާ ގުޅުންހުރި ކަމެއް ފެނިއްޖެނަމަ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ)ގެ ހޮޓްލައިން 1615 އަށް ރިޕޯޓް ކުރުމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.