ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުމުން ދެން ފެންނާނީ އަވަސްކޮށް، އަމަލުން ކަން ކުރާ މަންޒަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނުބައި މިސްރާބަކަށް ގައުމު ދަނިކޮށް، ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ކުރި މަސައްކަތުން މި ގައުމު އަނެއްކާވެސް ރަނގަޅު މިސްރާބަކަށް ގެނެސްފައިވާ ކަމަށެވެ. އަދި މަޖިލިސް މެޖޯރިޓީ ޕީއެންސީއަށް ދިނުމުން ރައްޔިތުން ދެން ބޭނުންވަނީ މިނިވަންކަމާއި ތަރައްގީ އަދި ހަމަޖެހުންކަން އެނގިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
"އަަޅުގަނޑު ހަގީގަތުގައި ވެސް ބޭނުމެއްނުވޭ މާގިނަ ވާހަކަތަކެއް ތަކުރާރުކުރާކަށް ދައްކަން އޮތީ އެއް ވާހަކައެއް. ވާހަކަ ދެއްކުމަށް ވުރެ ބޮޑަށް އަޅުގަނޑު ދެން އިސްކުރަން ބޭނުންވަނީ އަމަލުކުރުން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ދެން އޮތީ މަސައްކަތްކޮށް، ނަތީޖާ ނެރެދެއްވުން ކަމަށާއި ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައިވެސް ދަތި އުނދަގުލުގެ ތެރެއިން ގިނަ މަސައްކަތެއް ކުރެވިފައިވާ ކަމަށެވެ. އަދި މަޖިލިސް މެޖޯރިޓީ އާއެކު ދެން ފެށިގެންދާނީ ރާއްޖެ ތަރައްގީވުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.