މީހަކު ރަހީނުކޮށް ބިރުދައްކައި ފައިސާތަކެއް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މަހުގެ ދެވަނަ ދުވަހުގެ ރޭ ލ. ގަމުގައި 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް ތޫނު ހަތިޔާރު ބޭނުންކޮށް ބިރުދައްކައި އޭނާގެ އަތުން 8،900 ރުފިޔާ ފޭރުމަށްފަހު އިތުރު ފައިސާ ހޯދުމަށް އެދެމުން ދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މި މަހުގެ ތިންވަނަ ދުވަހުގެ ރޭ 22:45 ހާއިރު ދެ މީހަކު ފައިސާނެގުމަށް ލ. ގަމު ޕްރޮވިންސް އޮފީސް ކައިރީގައި ހަރަކާތްތެރިވަމުން ގެންދަނިކޮށް އެތަނުން އެކަކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ.
ދެން ހުރި މީހާ ވަނީ ސައިކަލުގައި ފިލާފައި ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންގެންދާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.
ފުލުހުން ބުނީ ރަހީނު ކުރި މީހާ އަތުން ފައިސާ އަތުލުމަށްފަހު ދޫކޮށްލާފައިވަނީ އިތުރު ފައިސާ ހޯދައިގެން ގެނެސްދިނުމަށް ބުނެ ކަމަށެވެ. އަނިޔާ ލިބުނު ފަރާތުގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެއެވެ.