ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއު ނުވަތަ ރަސްމާލޭގެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރަސްމާލެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާ ހަވާލުކޮށްފައެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ހުޅުމާލެއިން 10 ހެކްޓަރުގެ ބިން އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދޭ ގޮތަށެވެ.
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ފުވައްމުލަކު ސިޓީއަށް އިއްޔެ ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ކުރާ ރަނގަޅު ކަންކަމަށް ހުރަސް ނޭޅިޔަސް ރަސްމާލެ ފަދަ މަޝްރޫއުތައް ހުއްޓާލަންޖެހޭ ކަމަށެވެ.
"އަޅުގަނޑު އާއެކޭ ނުބުނާނަމޭ، މިހާރު ރަސްމާލެ ހިއްކަން އެ ކުރާ މަސައްކަތަށް އަޅުގަނޑުމެން ނުބުނާނަމޭ އާއެކޭ، އަޅުގަނޑުމެން އަޅުވެތިވާ ގޮތަށް އަޅުގަނޑުމެންގެ ބިންތައް ނުއަގުގައި ވިއްކާލައި ވިއްކާލުމަށް މިއަދުވެސް މި ބުނަނީ ނޫނެކޭ، އެ އެގްރީމެންޓް ބާތިލް ކުރާށޭ," ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެ މަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މަސައްކަތް ކުރާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށާއި އޭގެ ތެރެއިން މި ސަރުކާރުގެ އިސްވެރިންނާ ގުޅޭ ގޮތުން ފެންމަތިވާ އެކިއެކި މައްސަލަތަކުގައި ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.