ރައީސް ޔާމީން

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަފްސީލް ރައީސް ޔާމީނަށް ދިނިން: ނާޒިމް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަފްސީލް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ދެންނެވި ކަމަށާއި އެކަންކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވެފައިވަނީ އޭނާ ޓުވިޓާ މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައެވެ. އެ ބަޔާނުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެކި ފަރާތްތަކުން ނަގަމުންދިޔަ ފައިސާތައް ބަރާބަރަށް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު އަމިއްލައަށް ވިދާޅުވި ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އެވާހަކަތައް ދެކެވިފައިވަނީ ރައީސް ޔާމީނާއި ނާޒިމް، ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

ނާޒިމް ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަދީބު ފަސް މިލިއަން ޑޮލަރަށްވާ 77.1 މިލިއަން ރުފިޔާ ނަންގަވައިފި ކަމަށާއި އެ ފައިސާގެ ބައެއް ނުވަތަ އެ ފައިސާ އެއްކޮށް ރައީސް ޔާމީނަށް ލިބިވަޑައިގެންނެވިތޯ ސުވާލު ކުރެއްވުމުން އެމަނިކުފާނު އެކަމަށް އިންކާރު ކުރެއްވި ކަމަށެވެ. އަދި އެކި ފަރާތްތަކުގެ އަތުން ފައިސާ ކަލެކްޓު ކުރަނީ އަދީބު ކަމާއި އެ ފައިސާ ލިބޭ ކަމަށް ކުރިން އެކަމަށް އިއުތިރާފްވެފައިވުމުން އެކަން ހަނދުމަ ކޮށްދިން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ އަޅުގަނޑު ބޭނުންކުރާ އޮފީހުގެ މޭޒުމަތީގައި އޮތް ސިޓީ އުރައެއްގެ ތެރޭގައި އަޅުގަނޑު މިދެންނެވި ބަހުގެ ސާފު ހެކި އެބަހުރި ކަމަށާއި، އަޅުގަނޑަކީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަމަށްވާތީ ސަރުކާރު ކުންފުނިތަކާއި މުއައްސަސާތަކުން މިފަދަ މައުލޫމާތުތައް އަޅުގަނޑަށް ލިބޭ ކަމަށާއި، އެ ސިޓީ އުރައިގައި ޕޭމަންޓް ވައުޗަރާއި، އެމްއެމްޕީއާރްސީގެ ޗެކުތަކުގެ ކޮޕީއާއި، އެމްޕީއެލް ބޯޑު ރިޒޮލިއުޝަންގެ ކޮޕީ ފަދަ މިކަމާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތަކުގެ ކޮޕީ އެބަހުރި ކަމަށާއި، އަޅުގަނޑު އެނބުރި މަޖިލީހުގެ އިދާރާއަށް ގޮސް އެ ސިޓީ އުރަ ރައީސް ޔާމީނުގެ އަތްޕުޅަށް ފޮނުއްވައިދޭނެ ކަމުގައި ދެންނެވީމެވެ،." ނާޒިމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ނާޒިމް ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް ރައީސް ޔާމީނަށް އޮޅުންފިލުވައިދިނުމަށް އެދިވަޑައިގެންނެވުމުން އެކަން ހިނގައިދިޔަ ގޮތް ވަރަށް ސާފުކޮށް ދަންނަވާފައިވާނެ ކަމަށެވެ.

"އެއީ އެމްއެމްޕީއާރުސީން ކުރިއަށް ތާރީހު ޖަހާފައި، ޑޮލަރު ޗެކު ދިނުމަށްފަހު އެމްޕީއެލް އިން ފަސް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ އަދީބު ހޯއްދަވައި، އެ ފައިސާ އަދީބުގެ ގާތް އަދި އަދީބު އަމިއްލަ މަސްލަހަރު އޮތް ފަރާތްތަކެއްގެ ބޭންކު އެކައުންޓްތަކަށް ޖަމާކުރަނީ ކަމަށާއި، އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ކެމްޕޭނަށް ހަރަދުކުރި ވިޔަފާރިވެރިއެއްގެ އެކައުންޓަށް އެ ފައިސާގެ ތެރެއިން 2.5 މިލިއަން ޑޮލަރު، އެމްޕީއެލްއިން ފައިސާ ނެގިތާ ތިން ދުވަސްތެރޭގައި ޖަމާވެފައިވާ ކަމުގައި ދެންނެވީމެވެ..،" އޭނާ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭގޮތުން ނާޒިމްއަށް ލިބިފައިވާ މައުލޫމާތުތައް ރައީސް ޔާމީނަށް އަރުވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާގެ ބަޔާނުގައި އެ ހުރިހާ ތަފްސީލެއް ވަނީ ހާމަކޮށްފައެވެ.