މ. ދިއްގަރުގައި އިމާރާތްކުރާ 75 ހައުސިން ޔުނިޓުގެ ބިންގާ އިއްޔެ އަޅައިފި އެވެ.
ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން، އެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރީ އިއްޔެ ހެނދުނެވެ.
އެމްޓީސީސީއަށް އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ 117.9 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން، އެއް އަހަރާއި ދެމަސް ތެރޭގައި ނިންމާ ގޮތަށެވެ.
މިނިސްޓްރީން އިއްޔެ ބުނީ ދިއްގަރުގައި އިއްޔެ މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ހައުސިން މަޝްރޫއުގެ ބިންގާ އަޅާފައިވާ ކަމަށެވެ. ބިންގާ އަޅުއްވައި ދެއްވީ މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ކަމަށް މިނިސްޓްރީން ބުންޏެވެ.
ދިއްގަރުގައި އިމާރާތްކުރާ 75 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓެއްގެ ބޮޑު މިނަކީ 1،000 އަކަފޫޓު ކަމަށާއި ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމަކާއި ބަދިގެ އާއި ކާގެ އާއި ލޯންޑަރީ އަދި ގުދަނެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.