ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ އުސޫލާ ހިލާފަށް އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މިނިސްޓްރީއާ މެދު އާންމުންގެ ހިތްތަކުގައި ނުބައި ތަސައްވަރު ސޯޝަލް މީޑިއާ މެދުވެރިކޮށް ފަތުރަމުންދާ ކަމަށެވެ. މި ސަރުކާރުގެ ވިސްނުމަކީ ވީހާ ވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.
"މި ސަރުކާރުގެ ވިސްނުމަކީ ދެންނެވުނު ދެ ސްކީމުގެ ދަށުން ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިން ކަމުގައިވާ އިރު، އުސޫލާ ހިލާފަށް އެއްވެސް ރައްޔިތަކު މިއިން ސްކީމެއްގެ ދަށުން ބާކީކޮށް ނުލާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ،" ހައުސިން މިނިސްޓްރީން ބުންޏެވެ.
ކުރީ ސަރުކާރުން ފަށައިފައިވާ އެ ސްކީމަކީ އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމާ ގުޅިފައިވާ، ވަރަށް ވެސް ހައްސާސް މައްސަލެއް ކަމަށާއި އެހެންކަމުން ހަގީގަތާ ހިލާފު ވާހަކަތައް ފެތެރުމަކީ މިނިސްޓްރީގެ ބަހެއް ނެތި ފެތުރުމަކީ ސީރިއަސް މައްސަލައެއް ކަމަށް ބުންޏެވެ.
ކުރީ ސަރުކަރުން ފުލެޓް ދިނުމަށް ނިންމާފައިވާ ލިސްޓަށް ބަދަލުތަކެއް ގެނެސް މި ސަރުކާރުން ތައްޔާރުކުރި ކަމަށް ބުނާ ލިސްޓެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ 4،000 ފުލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވީ ކަމަށް ކަނޑައެޅި ބައެއް މީހުންނަށް ޕޮއިންޓު ދިނުމުގައި މައްސަލަތައް ހުރި ކަމަށް ބުނެ މައްސަލަ ހުށަހެޅުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ދަނީ އެ މައްސަލަ ބަލަމުންނެވެ.