ޚަބަރު

ދަނގެތި ބަނދަރު މަސައްކަތަށް ބޭނުންވާ ސާމާނު ގެންގޮސްފި

ފާތިމަތު ލިޔުޝާ

އދ. ދަނގެތި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މަސައްކަތު ސައިޓަށް ގެންގޮސްފިއެވެ.

އެ މަޝްރޫއު ކުރިޔަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، އެ މަޝްރޫއުގެ ދަށުން 35،500 ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި ދަނގެތި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު މިއަދު މަސައްކަތު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 69،500 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 33،600 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި 7،800 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން 675 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 389 މިޓަރުގެ އެއްގަމު ތޮށި ލުމާއި 35 މީޓަރު ދިގު ހަ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް އެޅުމާއި 3،052 އަކަ މީޓަރުގެ ޕޭވްމެންޓް ހެދުމާއި މަގު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.

އެ މަޝްރޫއުގެ އަގަކީ 71.16 މިލިއަން ރުފިޔާއެވެ. ދަނގެތީ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހަ ވަނަ ދުވަހުއެވެ.