އެފްއޭއެމް

ސީޒަން ފަށަން ހުށަހެޅީ އަންނަ މަހު، ކްލަބުތަކުން ބޭނުންވަނީ ޖޫންއަށް ފަސްކުރަން!

މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ހުއްޓިފައި އޮތް ރާއްޖޭގެ ފުރަތަމަ ޑިވިޝަން އަލުން ފަށަން އަންނަ މަހަށް ފުރަތަމަ ތާވަލުކުރި ނަމަވެސް، އެ ތާރީހަށް ކުއްލިއަކަށް ކްލަބުތަކަށް ތައްޔާރުނުވެވޭތީ، ސީޒަން ފެށުން ޖޫން މަހަށް ފަސްކޮށްދޭން އެދިއްޖެއެވެ.

"ވަން ސްޕޯޓްސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމް އިން ޑްރާފްޓް ކުރި ސީޒަން ތާވަލުގައި ސީނިއާ ލީގުގެ ހުޅުވުން ތާވަލުކޮށްފައިވަނީ އަންނަ މަހު 10 ގައެވެ. އޭގެފަހުން 16 މޭގައި ޕްރެސިޑެންޓްސް ކަޕްވެސް ފަށަން ތާވަލުކޮށްފައިވާ އިރު، ލީގު ފަށަން އޮތީ ޖުލައި 17 ގައެވެ.

މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ސީޒަން ނިންމާލީ، ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރާ ހަމައަށް ކުޅުމަށް ފަހު، ތިންވަނަ ބުރު ނުކުޅެއެވެ. އެ ހިސާބުން ސީޒަން ނިންމާލައި، އެފްއޭ ކަޕްވެސް ކެންސަލް ކުރިއެވެ. އަދި އެ ފަހުން ބާއްވަން އޮތް ތިންވަނަ ޑިވިޝަނަށްވެސް އަދި ވަކި ތާވަލެއް ނެތެވެ.

"ވަން ސްޕޯޓްސް"އަށް ބައެއް ކްލަބުތަކުގެ އިސް އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި އެފްއޭއެމް އިން ސީޒަނަށް ތާވަލުކުރި ޑްރާފްޓް ޝެޑިއުލްގައި އޮތް ގޮތުން، ޓީމުތަކަށް ތައްޔާރުވާން މާބޮޑު ވަގުތެއް ނުލިބުން އެއީ މައްސަލައެކެވެ. ކުޅުންތެރިން މި ވަގުތު އުނދަގޫ ހާލަތެއްގައި ތިބި އިރު، އެ ކުޅުންތެރިން އެނބުރި ފަރިތަކުންތަކަށް ނެރެ، ޕްރީ ސީޒަނެއް ނުހެދި ސީޒަނަކަށް ނުކުންނަން ޖެހުމަކީ ޗެލެންޖެއް ކަމަށް ބައެއް ކްލަބުތަކުން ފާހަގަކޮށްފައިވާ އިރު، ސީޒަން ފަށަން ސީދާ ތާރީހެއް ނުނިންމާތީ ތައްޔާރުވާން އިތުރު ޗެލެންޖްތައްވެސް އެބަ އޮތެވެ.

ކްލަބްތަކަށް ދީފައިވާ ޑްރާފްޓް ޝެޑިއުލްގައިވާ ގޮތުން، ގައުމީ ސީނިއާ ފިރިހެން ޓީމު ޖޫން މަހު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ވަނީ ނިންމައިފައެވެ. ބެލެވޭ ގޮތުގައި އޭގެ ތެރެއިން އެއް މެޗު ކުޅުމަށް ތައްޔާރުވަނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ދެން ގައުމީ ޓީމުތަކަށް އޮތް މުބާރާތްތަކަށް ބަލާއިރު، އޮގަސްޓް މަހު ސާފް 20 އަހަރުން ދަށުގެ މުބާރާތާއި ސެޕްޓެމްބަރު މަހު އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިނާއި 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްވެސް ހިމެނެއެވެ. އަދި އޮކްޓޯބަރު މަހު ސާފް ވިމެން ޗެމްޕިއަންޝިޕް އޮތްއިރު، އޭޝިއަން ކަޕް ކޮލިފައިން އޮތީ ސެޕްޓެމްބަރު މަހުއެވެ.

ރާއްޖޭގެ ކްލަބްތަކުން، މި ސީޒަނުގައި ކުޅެންޖެހޭ އޭއެފްސީ ޗެލެންޖާސް ލީގުގެ ކޮލިފައިން އޮތީ ޖުލައި/އޮގަސްޓްގައެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހު އިންވިޓޭޝަނަލް ކަޕެއް ކުޅެން ވަނީ ޑްރާފްޓް ކަލަންޑަރުގައި ހިމަނައިފައެވެ.

އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި 10 ޓީމު ކުޅޭނެ ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައެވެ. އެއީ، ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދިޔަ މަސް އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އިތުރުން، ފުރަތަމަ ޑިވިޝަނުގައި ކުރިން ވެސް އޮތް އަށް ކްލަބެވެ. މިދިޔަ ސީޒަނުގެ ދެވަނަ ބުރުގެ ވަކި ހިސާބަކުން، ލީގުން ވަކިވި ކްލަބް ގްރީން ސްޓްރީޓްސްއާއި ކްލަބް ވެލެންސިއާގެ ތެރެއިން، ވެެލެންސިއާ މިވަގުތު އޮތީ އެފްއޭއެމްގެ ސަސްޕެންޝަންގައެވެ. އެއީ، އިދާރީ މައްސަލައެއް ކަމަށް ބުނެ، އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް އެކްލަބަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އެޓީމުން ވަނީ ބުނެފައެވެ.

އެފްއޭއެމްއަށް ސީޒަނެއް ފަށަން އިތުރު ދަތިތައް ހުރި އިރު، އެ އިދާރާ މިވަގުތު އޮތީ އޮޅުން ބޮޅުމެއްގެ ތެރޭގައެވެ. އިދާރާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިނގަމުންދާ އިރު، ސައްހަ އިންތިހާބަކަށް ތަކުރާރުކޮށް މަސައްކަތް ކޮށް، އެކަމަށް އަދިވެސް އޮތީ ހައްލެއް ނުލިބިއެވެ. އެފްއޭއެމްގެ އިންތިހާބުގެ މައްސަލަތަކަށް ހައްލެއް ހޯދަން ފީފާގެ ޓީމެއް އަންނަ ގޮތަށް ނިންމާފައިވީ ނަމަވެސް، އަދި އެޓީމު ރާއްޖެ އައިސްފައެއް ނުވެއެވެ.