ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ޖަރުމަނުގެ ބްރޫޝިއާ ޑޯޓުމަންޑުން 11 އަހަރަށްފަހު ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ ޖަރުމަނުގައި ކުޅުނު ދެވަނަ ލެގުގައި 4-2 އިން އެތުލެޓިކޯ ބަލިކޮށް ޑޯޓުމަންޑުން ނަތީޖާ އަނބުރާލި އިރު، ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑުން ބްރޫޝިއާ ޑޯޓުމަންޑް ބަލިކޮށްފައި އޮތީ 2-1ގެ ނަތީޖާއަކުންނެވެ. ދެ ލެގުގެ ނަތީޖާ އިން ޑޯޓުމަންޑް ކުރި ހޯދީ 5-4ގެ ނަތީޖާއަކުންނެވެ.
މިއީ 2013 ވަނަ އަހަރަށްފަހު ޑޯޓުމަންޑް ސެމީއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ ފަހަރު ޑޯޓުމަންޑް ފައިނަލް ކުޅެފައިވާ އިރު، ބަޔާން މިއުނިކް ކައިރިން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ލެގުގައި ބަލިވެފައި އޮތް ޑޯޓުމަންޑުން މެޗުގެ ފުރަތަމަ ހާފުގައި އެގްރިގޭޓް ސްކޯ އަނބުރާލިއެވެ. ޖޫލިއަން ބްރެންޓާއި ޗެލްސީގެ ލޯނެއްގައި ކުޅެމުންދާ އިއާން މާޓްސެން ޖެހި ގޯލުތަކުން ޑޯޓުމަންޑުން ހިތްވަރު އާކުރި އިރު، ދެވަނަ ހާފު ފެށުނު ހިސާބުން ޑޯޓުމަންޑަށް އަނެއްކާވެސް މާޔޫސްކަން ކުރިމަތިވިއެވެ.
ދެވަނަ ހާފު ފެށިގެން ތިން މިނެޓް ހިނގިތަނާ އެތުލެޓިކޯގެ މާރިއޯ ހާމޯސޯ ބޮލުން ޖެހި ބޯޅައެއް، ޑޯޓުމަންޑްގެ މެޓްސް ހުމެލްސް ގައިގައި ޖެހި ބައިކޮޅަށް ވަނުމުން، އެގްރިގޭޓް އަނެއްކާވެސް 3-3 އިން އެއްވަރުވިއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އެންހޭލް ކޮރެއާ ޖެހި ގޯލުން އެތުލެޓިކޯ އިން އެގްރިގޭޓް ލީޑެއްވެސް ނެގިއެވެ.
ދެވަނަ ހާފު ފޯރި ގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އުންމީދެއްގައި ކުޅުނު ޑޯޓުމަންޑުން ހިތްވަރު ދުލެއް ނުކުރިއެވެ. އެ ހިސާބުން އަނެއްކާވެސް މަސައްކަތް ރަނގަޅުކޮށް، ނިކްސަލް ފުލްކްރަގް ޖެހި ގޯލުން އެގްރިގޭޓް ނަތީޖާ އެއްވަރުކުރިއެވެ. އެއީ 71 ވަނަ މިނެޓުގައެވެ. ޑޯޓުމަންޑުން ސެމީ ޔަގީންކުރީ 74 ވަނަ މިނެޓުގައި މާސެލް ސަބިޓްޒާ ޖެހި ގޯލުންނެވެ. ސަބިޓްޒާއަކީ ފުލްކްރަގް ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިން ކުޅުންތެރިޔާވެސް މެއެވެ.