ޚަބަރު

މުހުތާޒާއި ނިހާންގެ މައްޗަށް އުފުލި އިތުރު ދައުވާތައް ބާތިލުކޮށްފި

ކުރީގެ ޕީޖީ މުހުތާޒް މުހުސިން އާއި އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން އުފުލި އިތުރު ދައުވާތައް ކްރިމިނަލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މުހުތާޒާއި ނިހާންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތައް:

• ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި، ސައްހަ ނޫން ގޮތެއްގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުން

• ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ކަމުގައި، ސައްހަ ނޫން ގޮތެއްގައި ދެއްކުން

އެ ދެ ދައުވާ އަކީ މުހުތާޒާއި ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކެވެ. މީގެ އިތުރުން އިތުރު ދައުވާއެއް ނިހާންގެ މައްޗަށް ވަނީ އުފުލާފައެވެ. އެ ދައުވާކީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާއެވެ.

ނިހާނާއި މުހުތާޒުގެ މައްޗަށް މިހާރު ސާބިތުވެފައިވާ ދައުވާ އާއި އަދި އިތުރު ދައުވާތައް އުފުލީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރުކުރި މައްސަލާގައެވެ. އެ ދެ ބޭފުޅުންގެ މައްޗަށް އިއްވި 17 އަހަރުގެ ޖަލު ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

މުހުތާޒާއި ނިހާންގެ ވަކީލު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައިވަނީ އިތުރަށް އުފުލާފައިވާ ދައުވާތައް ބިނާވެފައި އޮތީ 17 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ދައުވާ ސާބިތު ކުރަން ހުށަހެޅި ކަންކަމުގެ މައްޗަށް ކަމަށެވެ.

އެ ދައުވާތައް ބާތިލްކުރީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގައި ނުވަތަ އެ ކުށުގެ އަމަލު ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެމީހެއްގެ މައްޗަށް ނުއުފުލޭނެ ކަމަށް ގާނޫނުއަސާސީގެ 60 ވަނަ މާއްދާގައި އޮންނަ އޮތުމުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހުއެވެ.