ޚަބަރު

ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި

އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ 2024 އެޕްރީލް މަހުގެ އެއްވަަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

އެންޓި-ޑިފެކްޝަން ގާނޫނަކީ، ރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިޚހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު އަމަލުކުރާނޭ ގޮތް ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ހުސްވާ ހާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބުކުރާ މެންބަރުން އެ އިންތިގާބުކުރާ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއެކު، ރައްޔިތުން އިންތިހާބުކުރާ މަޤާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި، އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއްކަމަށް ހެދުން ހިމެނެއެވެ.

ހަމަ އެއާއެކު، މި ގާނޫނުގެ ދަށުން މެންބަރެއްގެ ގޮނޑި ހުސްވާ ހާލަތްތަކުގައި ގޮނޑި ހުސްވި ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދިނުމާއެކު، ބައި-އިލެކްޝަން ބޭއްވުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރައްވާފައިވެއެވެ. އަދި މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެންބަރުކަމުން އިސްތިއުފާ ދޭ ނުވަތަ ވަކިވާ މެންބަރުންނަށް ބައި-އިލެކްޝަންގައި ބައިވެރިވުމުގެ ހައްގު ލިބިދިނުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ. ހަމައެއާއެކު، މިއަދުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފެށޭނެއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ. މި ގާނޫނު މަޖިލީހުން ފާސްކުރިއިރު، އެ ބިލު ހުށަހެޅިއިރު ހިމަނާފައި އޮތް ރީކޯލް ވޯޓު ނެގޭނެ ހާލަތްތައް ބިލުން ވަނީ އުނިކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވާނެ ހާލަތްތައް:

  • ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފުތަރުވުމުން
  • ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުކުރުމުން
  • މެންބަރަކު އިންތިހާބުވެފައިވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުންކަމަށްވެފައި، އެ މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު އިންތިހާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރަން އެ ޕާޓީއަކުން ނިންމައިފިނަމަ އެ ދުވަހަކުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ޕާޓީގެ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު އެ މެންބަރަކަށް ލިބިގެންވެއެވެ. އަދި އެ މެންބަރަކު ޕާޓީން ވަކި ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފިނަމަ އެ މެންބަރަކު އެ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން
  • ހަތް ދުވަހުގެ މުއްދަތުގައި މެންބަރަކު ޕާޓީއަކުން ވަކި ކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލައެއް ހުށަހަޅާފައި ނުވާނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކި ވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން
  • އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ މެންބަރަކު އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން

ގާނޫނު ބުނާގޮތުން މިއިން ހާލަތެއް މެދުވެރިވެއްޖެނަމަ ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު މަޖިލިސް މެންބަރުކަމުން އިސްތިއުފާދޭން ވާނެ ކަމަށް މި ގާނޫނުގައިވެއެވެ.

ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލް، އަދި ޑަބްޑްލިޔުޑީސީގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް:

  • ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިހާބު ވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފުތަރުވުމުން
  • ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުކުރުވުން
  • އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ މެންބަރަކު އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބުވެފައިވާ މެންބަރަކަށް މި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން އިލެކްޝަންސް ކޮމިޝަނުން ލޯކަލް ގަވާމަންޓް އޮތޯރިޓީއަށް އަންގާ ދުވަހުން ފެށިގެން، އެމީހަކު އިންތިހާބުވެފައިވާ މަގާމަކުން އެ މީހަކު ވަކި ވާނެކަމަށްވެސް ގާނުނުގައި ބުނެފައިވެއެވެ.

ބައި އިލެކްޝަން ބޭއްވުން:

  • މި ގާނޫނުގެ ދަށުން ހުސްވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ނަމަ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނާ އެއްގޮތްވާގޮތުގެ މަތިން އެ ދާއިރާގެ ބައި އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން ބޭއްވުން
  • މި ގާނޫނުގެ ދަށުން ހުސްވީ ސިޓީ ކައުންސިލްގެ ނުވަތަ އަތޮޅު ކައުންސިލްގެ ނުވަތަ ރަށު ކައުންސިލްގެ ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސަައްކަތްކުރާ ކޮމިޓީއެއްގެ ގޮނޑިއެއްނަމަ ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނާ އެއްގޮތްވާގޮތުގެ މަތިން އެތަނެއްގެ ބައި އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން ބޭއްވުން

މި ގާނޫނުގައި ވާގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެގެން ރައްޔިތުން އިންތިހާބު ކޮށްފައިވާ މެންބަރެއްގެ ގޮނޑި ހުސްވާ ހާލަތުގައި، އެ މީހަކަށް އެ ދާއިރާގައި އިލެކްޝަންސް ކޮމިޝަނުން ބާއްވާ ބައި އިލެކްޝަންގައި ބައިވެރިވުމުގެ ހައްގު ލިބިގެންވެއެވެ.