ޚަބަރު

ކުޅުދުއްފުއްޓަށް ކަރަންޓު ދެވޭނީ އިރުއޮއްސޭހާއިރު: ފެނަކަ

ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކުޅުދުއްފުށި ސިޓީއަށް ކަރަންޓު ދެވޭނީ މިއަދު އިރުއޮއްސޭހާއިރު ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްތަކެއްވެފައިވާއިރު، މިއަދު ހެނދުނު 9:15 އިން ފެށިގެން މުޅި އެ ސިޓީން ވަނީ ކަރަންޓު ކެނޑިފައެވެ.

ފެނަކައިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ރަށުން ކަރަންޓު ކެނޑުނީ ރަށަށް ކަރަންޓު ދޫކުރަމުންދާ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައިގެން ކަމަށެވެ. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

"މި މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވެނީ މިއަދު 18:00 ގައެވެ. ވީމާ މި ދަނޑިވަޅުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެމެވެ." ފެނަކައިން ބުންޏެވެ.

ކުޅުފުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ ގިނަ ދުވަސްވެފައިވާތީ މިދިޔަ ހަފުތާގައި އެ ސިޓީގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.