ޚަބަރު

މ. އަތޮޅާއި މާލެއާ ދެމެދު ހައި ސްޕީޑު ފެރީގެ ހިދުމަތް ފަށަނީ

ފާތިމަތު ލިޔުޝާ

މ. އަތޮޅާއި މާލެއާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މީރުމާ އިވެންޓް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީން އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ މ. އަތޮޅާއި މާލެ އާ ދެމެދު ހައި ސްޕީޑު ފެރީގެ ހިދުމަތްތަކުގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު ދެ ދުވަހު ކަމަށެވެ.

"މިހާރުވެސް މ. އަތޮޅު ތެރޭ ސަރުކާރުން ހަމަޖައްސާފައި އެބަ އޮތް އިންޓާނަލް ދަތުރުގެ ނިޒާމެއް. އެކަމަކު އެބޭފުޅުންނަށް އެންމެ ދަތިވާ ކަމަކީ މ. އަތޮޅާއި މާލެއާ ދޭތެރޭ ހައި ސްޕީޑުގެ ދަރުތުގެ ނިޒާމެއް ނެތުން. އެހެންވީމަ ރައީސް ނިންމެވި މިވަގުތު ދެވެން ހުރި ހިދުމަތްތަކުގެ ތެރެއިން ސަރުކާރުން އެންމެ ރަނގަޅަކަށް މިކަންކަން ގާއިމް ކުރުމަށް،" އަމީން ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން އެ ހިދުމަތް ފެށީ އެމްޓީސީސީއަށް ސަރުކާރުން ދޭންޖެހޭ ސަބްސިޓީއެއް ދިނުމަށް ފަހުގައި ކަމަށްވެސް އަމީން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ، ހަފުތާއަކު ދެ ފަހަރު ދަތުރުތައް ފަށަން އެއްބަސްވި ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި އެ ހިދުމަތް ކޮންމެ ދުވަހަކުވެސް ދޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އާރުޓީއެލް ފެރީގެ ހިދުމަތް ނ. ރ. އަދި ބ. އަތޮޅުގައި ފެށުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.