ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަދައްކާއިރު އެ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ނޫސްވެރިކަމުގެ މަސައްކަތްތުގައި ވީހާވެސް ތެދުވެރިކަމާއެކު ޞައްޙަ މަޢުލޫމާތު ފެތުރުމުގައި ދެމިތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރާއްޖޭގެ ނޫސްވެރިންނަށް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ނެޝަނަލް އާޓް ގެލަރީގައި ބޭއްވެވި ހަފްލާ ޝަރަފުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވޭތުވެދިޔަ އަހަރުތަކަކީ ނޫސްވެރިކަމުގެ މާހައުލަށް އައި ކަޅު އަނދިރި ދުވަސްތަކެއް ކަމަށާއި، އަދި ރާއްޖޭގެ ނޫސްވެރިން ނޫސްވެރިކަމުގެ ޒިންމާ އަދާކުރަމުން ދިޔައީ ވަރަށް ގިނަ ގޮންޖެހުންތަކަކާއިއެކު، ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައިކަން ފާހަގަކުރެއްވިއެވެ.
ނަމަވެސް މި ބިރުވެރިކަމުގެ ތެރޭގައިވެސް ދިވެހި ނޫސްވެރިން ވަރަށް ސާބިތުކަމާއެކު އެބޭފުޅުންގެ މަސްއޫލިއްޔަތު ވަރަށް ފުރިހަމަޔަށް އަދާކުރައްވައިފިކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި ދިވެހިރާއްޖޭގެ އެންމެހައި ނޫސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި މިނިވަން ނޫސްވެރިކަމަކީ ފުރިހަމަ ޑިމޮކްރަސީއެއްގެ މުހިންމު އެއް އަސާސްކަމަށާއި، ހަޤީޤަތަކީ މިނިވަން ނޫސްވެރިކަމަކާ ނުލާ ޤައުމަކަށް ދިރުމެއް އަދި ހަމަޖެހުމެއްވެސް ނާންނާނެކަމުގައި ވިދާޅުވިއެވެ.
މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މީޑިއާ ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މި ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައި އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ ނޫސްވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ އަބުރުގެ ޤާނޫނު އުވައިލައްވައި ނޫސްވެރިންނަށް ދުލާއި ޤަލަމުގެ މިނިވަންކަން އަލުން އިޢާދަކޮށްދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި، ދުނިޔޭގެ ޤައުމު ތަކުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަޑު ވަޒަންކޮށް ކަނޑައަޅާ ރިޕޯޓަރސް ވިތައުޓް ބޯޑަރސްގެ ޕްރެސް ފްރީޑަމް އިންޑެކްސްއިން ދިވެހިރާއްޖެ ހޯދި ކުރިއެރުމުން އެކަނިވެސް މި ސަރުކާރު އައި ފަހުން ނޫސްވެރިކަމަށް އައި ފަހި މާހައުލު ރަމްޒުކޮށްދޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ގހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވިގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނާއި ވަރަށް އިހާނެތިގޮތަކަށް މަރާލާފައިވާ އިންޓަނެޓް ބްލޮގަރ ޔާމީން ރަޝީދުގެ ހަނދާން އާ ކުރަން ޖެހޭކަމަށާއި، އެ ދެ ނޫސްވެރިން ވަކިވެދިއުމަކީ، ދިވެހި ނޫސްވެރިންގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަމުގައި ސިފަކުރެއްވިއެވެ.
އަދި އުންމީދުކުރައްވަނީ، އިންސާނިއްޔަތުކަމެއްނެތި ހިންގާފައިވާ އެ ދެ ޖަރީމާގެ ޙަޤީޤީ ކުށްވެރިން ހޯދައި، އެކަމުގެ ހަގީގަތް ވީހާވެސް އަވަހަކަށް ހާމަކުރެވޭނެ ދުވަހެއް އައުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.