މޫސުމް

ތޫފާން ފަނި އަރައި އިންޑިއާއިން ހަތް މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

ތޫފާން ފަނި އަރައި އިންޑިއާއިން ހަތް މީހުން މަރުވެއްޖެއެވެ.

އިންޑިއާގައި ފާއިތުވެދިޔަ 20 އަހަރުތެރޭވެސް ރެކޯޑު ކުރެވިފައިވާ ނުވާ ވަރުގެ ވަރުގަދަ ތޫފާނެއް އިންޑިއާއަށް އަރާފައިވާއިރު އޮޑިއްސާގެ އައްސޭރިފަށް ވަނީ ފުނޑުފުނޑު ކޮށްލައިފައެވެ.

ގަދަ ވަޔާއެކު އޮޑިއްސާއަށް އެރި ތޫފާން ފަނި މިހާރުވަނީ ކެޓަގަރީ 4ގެ ތޫފާނެއްގެ ގޮތުގައި އެގައުމުގެ މޫސުމާބެހޭ އިދާރާއިން ކަނޑައަޅައިފައެވެ.

އޮޑިއްސާގެ އައްސޭރިފަށަށް ތޫފާން ފަނި އެރިއިރު ވައިޖެހެމުން ދިޔައީ ގަޑިއަކު 150 މޭލުގެ ބާރުމިނުގައި ކަމަށް ރެކޯޑު ކުރެވިފައި ވެއެވެ. ތޫފާން ފަނި އެރި ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

ތޫފާން ފަނީގެ މިސްރާބު މިހާރު ހުރީ އިންޑިއާގެ ކަލްކަތާ އަށް ކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ. ބަންގްލަދޭޝް އަށް ވެސް މިތޫފާންގެ އަސަރު ކުރާނެކަމަށް ވަނީ ލަފާކޮށްފައެެވެ. އެގައުމުގެ މޫސުމާބެހޭ އިދާރާއިން ވަނީ ތޫފާންގެ ބާރު މިހާރު ދަށްވަމުން އަންނަ ކަމަށް ފާހަގަކޮށްފައެވެ.

އިންޑިއާއަށް ތޫފާން ފަނި އެރުމުގެ ކުރިން މިލިޔަނަކަށްވުރެ ގިނަމީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. އަދި 900 ވަގުތީ ހިޔާގައި އެތައްހާސް މީހުން ދިރިއުޅެމުން އަންނަ ކަމަށް ވެސް އޮފިޝަލުން މައުލޫމާތު ދެއެވެ.