މިނިވަން ނޫސްވެރިކަމަކާނުލައި ގައުމަށް ދިރުމެއް ނާންނާނެ ކަމަށާއި އަދި ގައުމަށް ހަމަޖެހުމެއް ނާންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، މިރޭ ބޭއްވި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ނޫސްވެރިންގެ މަސައްކަތުން ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރުވެގެންދާކަމަށެވެ. އަދި ރައްޔިތުންނަށް އެކި ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ނޫސްވެރިންގެ ރޯލު ބޮޑުކަމަށް ނައިބުރައީސް ވިދާޅުވިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވި މި ޖަލްސާގައި، މިނިވަން މީޑިއާއެއްގެ މަސައްކަތަކީ ދެފުށް ފެންނަ، ޒިންމާދާރު އަދި ގާނޫނީ އިމުގެ ތެރޭގައި ހިމެނޭ ކަންކަންތޯ ބަލައި، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަކީ މީޑިއާ ކައުންސިލްގެ މަސްއޫލިއްޔަތެއްކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަސްއޫލިއްޔަތު ޒިންމާދާރުކަމާއެކު އަދާކުރުމުގެ ގޮތުން ނޫސްވެރިން، އެމީހުންގެ މަސައްކަތް ކުރަނީ ނޫސްވެރިކަމުގެ ހަމަތަކާއި އަހުލާގީ މިންގަނޑުގެ ތެރެއިން ޒިންމާދާރުކަމާއެކުތޯ ބަލަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ވީހާވެސް ތެދުވެރިކަމާއެކު އަބަދުވެސް ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެއްވުމަށް ނައިބުރައީސް ވަނީ ނޫސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ނޫސްވެރިން ތިއްބެވި ސާބިތުކަންމަތީ މަސައްކަތް ކުރުމުގައި ދެމިތިއްބެވުމަށް މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް ސިލްތިމާސް ކުރެއްވި އެވެ.