އޭނާ 25 އަހަރަށް ޖަލަށް ލާން ހުކުމް ކުރަން އޯޑަރު ކުރެއްވީ ރައީސް ޔާމީން ކަމަށް، އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީން ގެ އެންމެ އަރިސް އެއް ބޭފުޅެއްްގެ ގޮތުގައި ބެލެވުނު ނާޒިމް މިހެން ވިދާޅުވީ އޭނާ ދާދި ދެންމެ ކުރެއްވި ޓުވީޓެއްގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ނާޒިމް ވިދާޅުވީ އޭނާ 25 އަހަރަށް ޖަލަށް ލުމުގައި އަމަލީ ގޮތުން ބައިވެރިވި އެންމެންނަށް ވެސް މިއަދު ނިމުން އައިސްފައިވާ ކަމަށެވެ.
"އަހަރެން 25 އަހަރަށް ޖަލަށް ލާން އޯޑަރު ކުރީ ރައީސް ޔާމީން. އެކަމަށް އިސް ނެންގެވީ އަދީބު. ކަންކަން އިންތިޒާމުކޮށްދިނީ ޕީޖީ މުހުތާޒް މުހުސިން. ނިންމައިދިނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު." ނާޒިމްގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ނާޒިމް މިހެން ވިދާޅުވި އިރު، ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލު ކުރުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން މިއަދު ނިންމަވައިފައި ވަނީ އިންތިޚާބު ބާތިލުކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ. އެ ގޮތުން މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ސާބިތު ކުރެވޭނެ ފަދަ ގާނޫނީ އަސާސް ތަކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.