ޚަބަރު

އީރާނުން އިޒްރޭލަށް ހަމަލަދިނީމާ ދެންވާނީ ކިހިނެއް؟

މީގެ ދެ ހަފުތާ ކުރިން ސީރިޔާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން އުދުވާނީ ހަމަލައިގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ރޭ ދަންވަރު އިޒްރޭލާ ދެކޮޅަށް މިސައިލާއި ޑްރޯންތަކެއް ވަނީ އުދުއްސާލައިފައެވެ. ރާޅަކަށްފަހު ރާޅެއް ސިފަވާގޮތަށް އެތައް ސަތޭކަ ޑްރޯނަކާއި މިސައިލްތަކެއް އުދުއްސައިލުމާ ގުލިގެން މުޅި ދުނިޔެއަށް ނާމާންކަމާއި ބިރުވެރިކަން ފެތުރުނެވެ. އެންމެންގެ ބޮޑު ސުވާލަކީ މިއެވެ. މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުނީ ހެއްޔެވެ. މިއީ ކިހާވަރެއްގެ ކަމެއް ހެއްޔެވެ. އީރާނުން އިޒްރޭލާ ދެކޮޅަށް ޑްރޯންތަކާއި މިސައިލްތައް އުދުއްސައިލިކަން އީރާނުގެ ޕްރެސް ޓީވީންވެސް ވަނީ ޔަގީންކޮށްދީފައެވެ. އީރާނުގެ އަސްކަރިއްޔާގެ ކުއްލި ބަޔާނަކުންވެސް އެކަން ޔަގީންކޮށްދިނެވެ. އިޒްރޭލުގެ ސަރަހައްދާ ހަމައަށް މި ޑްރޯންތަކާއި މިސައިލްތައް ފޯރުމުގެ މާކުރިން އދ.ގައި ހުންނަ އީރާނުގެ މިޝަނުގެ ފަރާތުން ބަޔާނެއް ނެރެ މިކަން މިމަގުން ކުރި ސަބަބު ވަނީ ހާމަކޮށްދީފައެވެ.

ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ހަމަލަދިނީމާ އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން އީރާނަށް ލިބިދޭ ހައްގުގެ ބޭނުންކޮށްގެން ނަފުސުގެ ދިފާއުގައި ފިޔަވަޅު އެޅީކަމަށް ބުނެފައިވެއެވެ. އިޒްރޭލުން ރައްދު އައު ހަމަލައެއް ނުދޭކަމަށްވަންޏާ މިހިސާބުން މިކަން ނިމުނީ ކަމަށްވެސް ބުނެފައިވެއެވެ. އީރާނުގެ ހަމަލާތައް ލޯންޗުކުރުމާއެކު އިޒްރޭލާއި އެމެރިކާއިންވެސް ވަނީ އެކަން ޔަގީންކޮށްދީފައެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން އެންމެ ފުރަތަމަވެސް ލަފާކުރިގޮތުގައި މި ޑްރޯންތަކާއި މިސައިލްތައް އިޒްރޭލުގެ ސަރަހައްދާ ހަމައަށް ފޯރާނީ މަދުވެގެން ތިން ހަތަރު ގަޑިއިރު ފަހުންނެވެ. އީރާނުން އުދުއްސައިލި ކަމަށް ބެލެވެނީ ދުއިސައްތައެއްހާ ޑްރޯނެވެ. އަދި ފަންސާހަކަށް މިސައިލެވެ. އިޒްރޭލާއި އީރާނަކީ އެއްގަމުން ގުޅިފައިވާ ދެ ގައުމެއް ނޫނެވެ. އެންމެ ކައިރިންވެސް ސަތާރަ ސަތޭކަ ކިލޯމީޓަރުގެ ރާސްތާއެއް އެބައޮތެވެ. އޭގެ މާނަޔަކީ އީރާނުން ފޮނުވާ ޑްރޯންތަކާއި މިސައިލްތައް ކޮންމެވެސް އެހެން ގައުމެއް ނުވަތަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބޭނުންކުރަން ޖެހުމެވެ.

އެ ގައުމުތަކަކީ އިރާގާއި ސީރިޔާއެވެ. ސައޫދީ އަރަބިޔާ އާއި ޖޯޑަންއެވެ. މީގެ ތެރެއިން އިރާން އިޚުތިޔާރު ކުރިކަމަށް ފެންނަނީ އިރާގާއި ޖޯޑަން އާއި ސީރިޔާގެ މަގެވެ. އެންމެ ކުރު މަގަކީވެސް އެމަގެވެ. މީގެތެރެއިން ޖޯޑަނުން އެގައުމުގެ ސަރަހައްދު ބަންދުކުރިއެވެ. އަދި ޖޯޑަންގެ ވައިގެ ސަރަހައްދަށް އީރާނުގެ ޑްރޯންތަކާއި މިސައިލްތައް ވަނުމުން އޭގެތެރެެއިން ކިތަންމެ އެއްޗެއް ޖޯޑަންގެ ދިފާއީ ބާރުތަކުން ވަނީ ވައްޓާލައިފައެވެ. އިރާގުންވެސް އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކުރިއެވެ. އެކަމަކު އީރާނުގެ މިސައިލެއްވިޔަސް ޑްރޯނެއް ވިޔަސް ވައްޓައިލަން އިރާގުގެ ބާރުތަކުން އެއްވެސް ކަމެއް ނުކުރެއެވެ. ސީރިޔާއިން އެގައުމުގެ ވައިގެ ސަރަހައްދު ބަންދެއް ނުކުރެއެވެ. ކުރެވޭނެ ގޮތެއްވެސް ނެތުމުންނެވެ. އީރާނުގެ ޑްރޯންތަކާއި މިސައިލްތަކުގެ ބޮޑު ބައެއް ނައްތައިލެވުނު ކަމަށް ބެލެވެނީ ސީރިޔާގެ ވައިގެ ސަރަހައްދުގެ ތެރޭގައެވެ. މިކަން ކުރުމުގައި ބައިވެރިވީ އެމެރިކާ އާއި އިނގިރޭސިވިލާތާއި އިޒްރޭލެވެ.

މިހިސާބުން އުފެދޭ ސުވާލަކީ އަޑަށްވުރެ ބާރަށް ދަތުރުކުރާ ހައިޕަރސޮނިކް މިސައިލާއި ރާޑަރަށް ނާރާކަހަލަ ހަލުވި ޑްރޯންވެސް ހުރެފައި އެފަދަ އެއްޗެއް އިރާނުން ފޮނުވައިނުލީ ކީއްވެގެންބާވައެވެ. ބޮކިން ޒީނަތްތެރިވެފައިވާ އަދި ލަހުން ދަތުރުކުރާ ތަކެތި ދެތިން ގައުމެއްގެ ވައިގެ ސަރަހައްދު ހުރަސްކުރަންޖެހޭ ގޮތަށް، ރާޑަރަކާއި ނުލައި ހަމަލޮލަށްވެސް ފެންނާނޭ ބީދަޔަކުން ތިން ހަތަރު ގަޑިއިރުގެ ދަތުރަކަށް ދޫކޮށްލީ ކީއްވެގެން ބާވައެވެ. އިރާނުގެ މަގުސަދަކީ މިތަކެތި ވައްޓައިލުމުގެ ފުރުސަތު ދިނުން ބާވައެވެ. މިއީ ބަހުސް ކުރެވިދާނޭ މައްސަލައެކެވެ. އީރާނުގައި ހައިޕަރސޮނިކް މިސައިލް އެބަހުއްޓެވެ. ބައިވަރެވެ. އެފަދަ މިސައިލެއް އިޒްރޭލާ ހަމައަށް ވާސިލްވާން ނަގާނީ ތިރީހަކަށް މިނިޓެވެ. އޭގެ ޕޭލޯޑްވެސް މާބޮޑުވާނެއެވެ. ދެވޭ ގެއްލުންވެސް އެތައް ގުނައެއް ބޮޑުވާނެއެވެ. އެފަދަ ޒަމާނީ ހަތިޔާރެއް ބޭނުން ނުކޮށް ލަސް އަދި މަޑު ދުވެއްޔެއް ލިބިފައިވާ އަދި ވިއްސަކަށް ކިލޯގެ ޕޭލޯޑެއް ލިބިފައިވާ ޑްރޯން ބޭނުންކުރީ ކީއްވެގެން ބާވައެވެ.

ލަސް ދުވެއްޔެއް ލިބިފައިވާ އާދައިގެ މިސައިލް ބޭނުންކުރީ ކީއްވެގެން ހެއްޔެވެ. މިތަކެތި އުދުއްސާލައިފީމޭ ބުނެ އެކަން އެންމެ ފުރަތަމަ އިއުލާންކުރީވެސް އީރާނެވެ. އިޒްރޭލާ ހަމައަށް ވާސިލްވުމުގެ ތިން ހަތަރު ގަޑިއިރު ކުރިންނެވެ. ޑްރޯންތައް ދަތުރުކުރަންޖެހޭ ރާސްތާގައިވާ ގައުމުތަކަށް އެތަންތަނުގެ ވައިގެ ސަރަހައްދު ބަންދުކުރަން ފުރުސަތު ދިނެވެ. ޑްރޯންތައް ވައްޓައިލުމުގެ ތައްތާރީތަކަށްވެސް ވަގުތު ދިނެވެ. މިއީ ހަނގުރާމައެއްގައި ބަޔަކު އަމަލުކުރާނެ އުސޫލު ބާވައެވެ. ކޮންމެއަކަސް ވަރަށް އާދަޔާ ޚިލާފު ނިންމުމެކެވެ. އިޒްރޭލަށް އީރާނުގެ ހަމަލަ ފޯރުމުގެ މާކުރިން އީރާނުގެ އަސްކަރިއްޔާއިން އެކަން އިއުލާނުކޮށް ކަލޭމެންނަށް ދިފާއުގައި ކުރެވެންހުރި ކަންކަން ކުރާށޭ އެންގީމާ ސައިޕްރަސްގައި ތިބެފައި ސީރިޔާގެ ސަރަހައްދަށް ވަދެ ދިފާއީ ދަލެއް ފަތުރަން އިނގިރޭސިވިލާތުގެ ޖެޓްތަކަށްވެސް ވަގުތު ލިބުނެވެ. އިޒްރޭލުގެ ކެބިނެޓްގެ ހަނގުރާމައިގެ ކޮމިޓީ އެއްތަންކޮށް ޓެލަވީވްގައި ހުންނަ އަސްކަރީ ހެޑްކުއާޓަރުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ބޮޑުވަޒީރު ނަތަންޔާހޫއަށް ވަގުތުވެސް ލިބުނެވެ.

ކޮންމެއަކަސް އީރާނުން އައުކަމެއް ކޮށްފިއެވެ. އެއީ އީރާނުގެ ސަރަހައްދުގެ ތެރެއިން އިޒްރޭލަށް އަމާޒުކޮށް ހަމަލާތަކެއް ލޯންޗުކުރުމެވެ. އެކަމަކު ހައިރާންވާން ޖެހުނު ކަމަކީ އިޒްރޭލުގެ ބަސްމަގަށް އައި ބަދަލެވެ. އާއްމުގޮތެއްގައި ދުންއަރާ ބީދަޔަކުން ވާހަކަ ދައްކާ އިޒްރޭލުގެ ފަރާތުން ރޭ ފެނުނީ ތަފާތު މަންޒަރެކެވެ. އިޒްރޭލް އޮތީ މިފަދަ ކަމަކަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި ދެން ކުރަންވާ ކަންކަން އިޒްރޭލަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ބުނުން ފިޔަވައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް މާގިނަ ވާހަކަތަކެއް ނުދައްކައެވެ. އީރާނުގެ ސީދާ ހަމަލައެއް އަތުވެއްޖެނަމަ ރައްދުގައި އިޒްރޭލުންވެސް އީރާނަށް ސީދާ ހަމަލަތަކެއް ދޭނެ ކަމަށް މާކުރިން އިންޒާރު ދީފައިއޮތަސް އަލުން އެވާހަކައެއް ނެތެވެ. އެމެރިކާއިން ވަނީ އިޒްރޭލުގެ ދިފާއުގައި ކުރާންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގެ ކަށަވަރުކަން އިޒްރޭލަށް މާކުރިންވެސް ދީފައެވެ. ކޮންމެ ހާލަތެއްގައިވެސް އެމެރިކާގެ ހިފެހެއްޓުމެއްނެތް ތާއީދާއި މަދަދު އިޒްރޭލަށް ލިބޭނެ ކަމަށް ރައީސް ބައިޑެންވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ބައިޑެން ވަނީ ވޮޝިންޓަނުން ބޭރުގައި ހޭދަކުރައްވަމުން ގެންދެވި ޗުއްޓީ ކުރުކޮށްލައްވައިފައި ރޭ އެނބުރި ވައިޓް ހައުސްއަށް ވަޑައިގެންފައެވެ. އޭނާއާއެކު ތިއްބެވީ ގައުމީ ސަލާމަތާބެހޭ މުޝީރުންނެވެ. މެދުއިރުމަތީގެ މަސްރަހު ގެންދެވީ ގާތުން ބައްލަވަމުންނެވެ. ގުޅިގެން ކުރާނެ ކަންކަމާމެދު އިޒްރޭލުގެ ވެރިންނާއެކު އެމެރިކާއިން ދިޔައީ މަޝްވަރާ ކުރަމުންނެވެ. އެމެރިކާގެ ލަޝްކަރުތައްވެސް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ. އީރާނުން އިޒްރޭލަށް ހަމަލާ ދީފިއެވެ. އީރާނުގެ ބައެއް ޑްރޯންތަކާއި މިސައިލްތައް އިޒްރޭލާ ހަމައަށްވެސް ފޯރައިފިއެވެ. ޓެލަވީވާއި ހައިފާއާއި ގުދުސްގެ އުދަރެސް ދިއްލިފައި އޮތީ ހަމަލާތަކުންނެވެ. ރަށުތެރެ ގުގުމާފައި އޮތީ ވައިގެ ހަމަލާތަކުން ރައްކާތެރިވުމަށް ބިންގަރާސްތަކަށް ވަނުމަށް އިލްތިމާސްކުރާ ބަރުގޮނުގެ އަޑުންނެވެ. އިޒްރޭލުގެ ބައެއް ތަންތަނަށް ހަމަލާތަކެއް އަރައިފިއެވެ. އަސްކަރީ ބައެއް މަރުކަޒުތަކަށް ގެއްލުންވެސް ވެއްޖެއެވެ. ބަޔަކަށް އަނިޔާވެސް ވެއްޖެއެވެ.

އެމެރިކާގެ ރައީސް ބައިޑެން ދެން ވިދާޅުވީ ގިނަބަޔަކު ހީކޮށްގެން ތިބި ވާހަކަފުޅެއް ނޫނެވެ. އީރާނުގެ ހަމަލަ އޭނާ ކުށްވެރި ކުރެެއްވިއެވެ. އެކަމަކު ވިދާޅުވީ އީރާނާއެކު އައު ކުރިމަތިލުމަކަށް ދާން އެމެރިކާ ބޭނުން ނުވާ ވާހަކައެވެ. މަސްރަހު ފިނިކުރަން އެދޭ ވާހަކައެވެ. އިޒްރޭލަށް މަދަދުކުރާ ހުޅަނގުގެ ހުރިހާ ގައުމަކުންވެސް އީރާނު ކުށްވެރި ކުރިއެވެ. އެކަމަކު އެ ގައުމުތަކުގެ ބަސްމަގަށް ބަލާއިރު އިތުރު ކުރިމަތިލުމަކަށް ދާން ނޭދޭކަން ޔަގީންވެއެވެ. އިޒްރޭލުން އަވަސްވެގަތީ އދ. ގެ ސަލާމަތީ މަޖިލީހަށް މައްސަލަ ވައްދައި އީރާން ކުށްވެރި ކުރެވޭތޯއެވެ. އިޒްރޭލުގެ އާއްމުން އާދައިގެ ހާލަތަށް ރުޖޫއަވެގެން ތިބުމަށާއި އައު ހަމަލާތަކެއް އައުމުގެ ބިރެއް ނެތްކަމަށްވެސް ވަނީ ބުނެފައެވެ. މިވީ ކިހިނެއް ބާވައެވެ. ވީގޮތް ވަރަށް ސާފެވެ. އީރާނުން ދިން ހަމަލާޔަކީ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން ހަމަލައިގެ ރައްދެވެ. އެކަން އެކުރީ ދުރާލައި އަންގައިފައެވެ. ބޮޑުވެގެންވާ ހަނގުރާމައެއްގެ ތެރެއަށް މެދުއިރުމަތި ވައްޓައިލަން އިރާނަކުންވެސް ނޭދެއެވެ.

އީރާނުން ކުރިކަމެއް އެކުރީ ގައުމުގެ އަބުރާއި ކަރާމާތަށްޓަކައި މަޖުބޫރުވެގެންނެވެ. ވަރަށް ވިސްނައިފައެވެ. ހިސާބު ޖަހައިފައެވެ. ހަމަލަޔަކަށް ހަމަލާއެކެވެ. އިޒްރޭލަށް ސިހުން ލިބޭވަރަށެވެ. މިކަމުގެ ރައްދުގައި އައު ހަމަލައެއް ދީފިއްޔާ ދެންވާނެ ގޮތުގެ އިންޒާރު ވަރަށްވެސް ސާފުބަހުން އިޒްރޭލަށް ދީފައެވެ. އެހެންވީމާ އިޒްރޭލް މައިތިރިކުރަން އެމެރިކާ އާއި ހުޅަނގަށްވެސް އެބަ މަޖުބޫރުވެއެވެ. އިޒްރޭލާ ދެކޮޅަށް އީރާނުން ހަމަލާތަކެއް ލޯންޗުކުރީ ރަޝިޔާއާއި ޗައިނާއާ މަޝްވަރާ ކުރުމެއްނެތި އެއިން ބައެއްގެ ރުހުމެއް ނެތި ބާވައެވެ. އެއިން ގައުމަކުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ގަބޫލުކުރެވޭ ގޮތުގައި ކޮންމެ އަގެއްވެސް އަދާކުރަން، ކޮންމެ ގޮތެއްވެސްވާން އިރާން އެކަނިމާއެކަނި މިވަރުގެ ކަމެއް ކުރުމަކީ ނާދިރު ކަމެކެވެ. އެމެރިކާއާއި އިޒްރޭލާ ކުރިމަތިލާން އީރާން އެކަނި މައިދާނަށް ނުކުތީމާ ދެން ވެދާނެ ގޮތްގޮތް އީރާނަށްވެސް އެނގެއެވެ. އެނގޭނެއެވެ. އީރާނަށް ހަމަލަދޭނީ އިޒްރޭލުން އެކަނި ނޫންކަމާއި އެމެރިކާވެސް މި ހަނގުރާމައިގެ ތެރެއަށް ވަންނާނެކަން އެނގޭނެއެވެ.

އީރާނުގެ ސަރަހައްދުގެ ތެރެއިން ސީދާ ހަމަލައެއް އިޒްރޭލަށް ފޮނުވައިލުމާއި ޔަމަނުގެ ހޫސީންނާއި ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް އަމާޒުކޮށް ހަމަލަތައް ފޮނުވައިލުން ތަފާތުވާނެކަން އީރާނަށްވެސް އެނގޭނެއެވެ. ފަރުދާގެ ފުރަގަހުގައި ކަންތައްތަކެއް ހިނގައިފިއެވެ. ރަޝިޔާ އާއި ޗައިނާގެ ބަސް އިވެންޖެހޭ ފަރާތްތަކަށް އެބަސް އޮތީ އިއްވައިފައި ކަމަށް ފެނެއެވެ. މިސާލަކަށް މިހެންނެވެ. އީރާނުގެ އެމްބަސީއަށް އިސްވެ ހަމަލަދިނީ އިޒްރޭލުންނެވެ. އޭގެ ރައްދު ދިނުމަކީ އީރާނުގެ ހައްގެކެވެ. އީރާނުން އެ ހައްގުގެ ބޭނުންކޮށް އިޒްރޭލަށްވެސް މާބޮޑު ގެއްލުމެއް ނުދީ މިކަން މި ނިމުނީއޭ ބުނީމާ ދެން ކަލޭމެން އިޒްރޭލަށް ވާގިވެރިވެ ހަނގުރާމަ ފުޅާނުކުރައްޗެވެ. ކަލޭމެން އިޒްރޭލަށް މަދަދުކުރާ ބީދައިން އަހަރެމެންވެސް އީރާނަށް މަދަދު ކުރާނަމެވެ. ވާއެއްޗެއް ދެން އެނގިދާނެތާއެވެ. ފެނުނު މަންޒަރުތަކާއި އިވުނު އަޑުތަކަށް ވިސްނާއިރު މިހިސާބަށް ކަންކަން ގޮސްފައިއޮތްކަމަށް ގަބޫލުކުރެވެއެވެ. އެހެންނޫންނަމަ މިއަދު މެދުއިރުމައްޗަށް އިރުއެރީހީ އައު ހަނގުރާމަޔަކާއެކުގައެވެ.