ޖަރުމަން ބުންޑަސްލީގާ

ބަޔާން މޮޅުވުމުން ލެވަކޫސަން އިންތިޒާރަކަށް

ޖަރުމަން ލީގުގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ރޭ ކުޅުނު މެޗުގައި ކޮލޯން ކައިރިން މޮޅުވުމުން، ތަށި ޔަގީންކުރުމަށް ބަޔާން ލެވަކޫސަން އަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

މިިދިޔަ 11 ސީޒަނުގައިވެސް ބަޔާނުން ޖަރުމަނު ލީގު ކާމިޔާބު ކޮށްފައިވާ އިރު، މި ސީޒަނުގައި އެ ތާރީހު ބަދަލުވުމާ ވަނީ ގާތަށް ޖެހިލައިފައެވެ. ބަޔާން ލެވަކޫސަން އިން އެ ކްލަބުގެ ތާރީހީ ފުރަތަމަ ލީގު ތައްޓަށް މަސައްކަތް ކުރަމުންދާއިރު، ރޭ ދެވަނައިގައި އޮތް ބަޔާނުން ރަށުން ބޭރުގައި ކޮލޯން ބަލިކުރީ 2-0ގެ ނަތީޖާ އަކުންނެވެ.

ބަޔާން ރޭގެ މެޗުން ބަލިވި ނަމަ، މި ހަފުތާގެ މެޗު ނުކުޅެވެސް ލެވަކޫސަންއަށް ތަށި ޔަގީންވާނެއެވެ. އެއީ ރޭގެ މެޗަށްފަހު ބަޔާނަށް ލީގުގައި ބާކީ އޮތް ފަސް މެޗުން ލެވަކޫސަންއާ އަރާ ހަމަކުރެވެން ނެތުމުންނެވެ. ލީގު ތާވަލުގެ އެއްވަނައިގައި ލެވަކޫަސަން 13 ޕޮއިންޓްގެ ލީޑެއްގައި އޮތްއިރު، އެ ޓީމަށް 28 މެޗުން ލިބިފައި ވަނީ 76 ޕޮއިންޓެވެ. ބަޔާނަށް 29 މެޗުން 63 ޕޮއިންޓް ލިބިފައިވާ އިރު، ލެވަކޫސަން އިން މިރޭ ވާޑާ ބްރެމަން ކައިރިން މޮޅުވެއްޖެ ނަމަ، އެ ޓީމަށް ލީގު ޔަގީންވާނެއެވެ.

ރޭ ކޮލޯން ކައިރިން ބަޔާން މޮޅުވި މެޗުގެ ދެ ގޯލުވެސް ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވާއިރު، ފުރަތަމަ ގޯލު ޖެހީ ރަފޭލް ގޮރޭރޯއެވެ. އޭގެ ފަހުން މެޗު ނިމެން ދަނިކޮށް، 93 ވަނަ މިނެޓުގައި ދެވަނަ ގޯލެއް ޖަހައި ދިނީ ތޯމަސް މުލާއެވެ.

ބަޔާނަށް މި ސީޒަނުގެ ޑޮމެސްޓިކް ހުރިހާ ތަށިތަކެއް ގެއްލުމާ ގާތުގައި އޮތްއިރު، އެ ޓީމަށް މިހާރު އުންމީދެއް އޮތީ ޗެމްޕިއަންސް ލީގުގައެވެ. ބަޔާނުން ޗެމްޕިއަންސް ލީގުގައި ކުއާޓާ ފައިނަލް ދެވަނަ ލެގުގައި، މި ހަފުތާ ތެރޭގައި އާސެނަލާ ދެކޮޅަށް ނުކުންނާނެއެވެ.