ޚަބަރު

ނޫސްވެރިންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފު ހޯދައިދިނުމަށް މީޑިއާ ކައުންސިލްގެ ރައީސް ގޮވާލައްވައިފި

މަރިޔަމް ޝަހުދާ

އެކި ނޫސްވެރިންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފު ހޯދައި ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ގޮވާލައްވައިފި އެވެ.

ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހިދާޔަތުﷲ ވިދާޅުވީ އެކި ނޫސްވެރިންނަށާއި ޓީވީ އާއި ނޫސް ހިންގާ ފަރާތްތަކަށް ލިބިފައިވާ އަނިޔާތަކަށް އިންސާފު ލިބިދޭން ޖެހޭ ކަމަށެވެ. އަދި ކަމާބެހޭފަރާތްތަކުން އެފަދަ ފަރާތްތަކަށް ވީހާވެސް އަވަހަކަށް އިންސާފު ހޯއްދަވައިދެއްވުމަށް ހިދާޔަތުﷲ ގޮވާލެއްވިއެވެ.

ހިދާޔަތުﷲގެ ވާހަކައިގައި ރާއްޖޭގެ ނޫސްވެރިންނަށް ދިމާވެފައިވާ އެކި ގޮންޖެހުންތައް ފާހަގަ ކުރެއްވިއެވެ.

އެގޮތުން އިންފޮމޭޝަން ކޮމިޝަނެއް އެކުލަވާލައިފައި ވީނަމަވެސް ނޫސްވެރިންނަށް އެކި ކަންކަމުގެ މައުލޫމާތު ހޯދުމަށް ތަފާތު އެކި ގޮންޖެހުންތަކާއި ކުރިމަތިވާކަމަށް ހިދާޔަތުﷲ ވިދާޅުވިއެވެ. އަދި ނޫސްވެރިންގެ ކުރިއެރުމަށް ކައުންސިލުން ކުރަންޖެހޭ ކަންކަން ކުރުމަށް ހުރި ހުރަސްތައްވެސް ހިދާޔަތުﷲ ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ގަސްދުގައި ކައުންސިލްގެ މަސައްކަތް ހުއްޓުވުމަށް ފުރުސަތު ލިބޭކަންކަން މިހާރުވެސް ހިނގާކަމަށް ހިދާޔަތުﷲ ވިދާޅުވިއެވެ.

ކޮންމެ ގައުމެއްގެ މޫނުބަލާ ލޯގަނޑަކީ އެގައުމެއްގެ ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރުން ދޭހަވާކަމެއް ކަމަށް ހިދާޔަތުﷲ ވިދާޅުވިއެވެ. އަދި ފާއިތުވި އަހަރު ބައިނަލްއަގްވާނީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ކުރިއަރާފައި ވުމަކީ ފާހަގަ ކުރަންޖެހޭ ކަމެއް ކަމަށް ހިދާޔަތުﷲ ވިދާޅުވިއެވެ.