ފ. ނިލަންދޫގައި ހެދުމަށް ނިންމާފައިވާ އެއާޕޯޓު ތަރައްގީ ކުރާނީ ޕްރައިވެޓް ޖެޓް ޖެއްސޭ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިމަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް މިރޭ ނިލަންދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން ވަނީ ނިލަންދޫގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ރާވާފައި ކަމަށެވެ. އެގޮތުން ނިލަންދޫގައި ތަރައްގީކުރާ އެއާޕޯޓު ވެގެންދާނީ ރައްޔިތުން ބޭނުންވާ ކަހަލަ އެންމެ ޒަމާނީ އެއާޕޯޓަކަށް ކަމަށާއި އެ އެއާޕޯޓުގައި 1،800 މީޓަރުގެ ރަންވޭއެއް ތަރައްގީ ކުރާ އިރު ޕްރައިވެޓް ޖެޓް ހޭންޑްލިން ފެސިލިޓީ ވެސް ހުންނާނެ ކަމަށެވެ.
އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ދެން ނުހުއްޓޭނެ. އަމަލީ ގޮތުން ބިން ހިއްކަން މި ފެށީ. އިރާދަކުރެއްވިއްޔާ މި މަސައްކަތް ގޮސް ބާރު ސްޕީޑުގައި ނިމޭ އިރުގައި ތިބޭފުޅުންގެ އުއްމީދުތަކުގައި ކުލަ ޖެހި އެންމެ ފުރިހަމަ ފެންވަރުގެ ރަނގަޅު އެއާޕޯޓެއް މި ރަށުގައި އޮންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނިލަންދޫގައި އެއާޕޯޓެއް ހެދުމުގެ އިތުރުން ރަށުގެ ފަޅުގެ ތެރޭގައި ދެ ރިސޯޓަކާއި ސިޓީ ހޮޓަލެއް ވެސް ސަރުކާރުން ތަރައްގީކޮށްދޭނެ ކަމަށެވެ. ސަރުކާރުން ވިސްނާފައި ވަނީ 20 އަހަރު ދުވަހުގެ މާސްޓާ ޕްލޭނެއްގެ ދަށުން ރާއްޖެ ތަރައްގީ ކުރަން ކަމަށާއި އެ ޕްލޭން ހަގީގަތަކަށް ހަދައި ގާނޫނީ ބާރުވެރިކަން ހޯދުމަށް ސަރުކާރަށް އެއްބާރުލުންދޭނެ މަޖިލީހެއް އޮތުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.
ނިލަންދޫގެ ތަރައްގީއަށް ބޭނުންވެފައިވާ ހުރިހާ ކަމެއް ސަރުކާރުން ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރަށުގެ ހޮސްޕިޓަލުގެ އާ އިމާރަތް ހެދުމާއި މަގުތައް ހެދުމުގެ އިތުރުން ނަރުދަމާގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދެވޭނީ ސަރުކާރަށް އެއްބާރުލުންދޭނެ މެމްބަރުންތަކެއް، ރައްޔިތުން މަޖިލީހަށް އިންތިހާބު ކޮށްގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މާޔޫސްކަން ދޫކޮށްލާ. އެދިވަޑައިގެންނެވި ކަންކަމުގެ އިތުރަށް ކުރާނެ ކަންކަން އެބަހުރި. މިރަށަށް އޮތީ ފުރިހަމަ ޕްލޭނެއް. މި އަތޮޅުގެ ރައްޔިތުން ފަހުރުވެރިވާނެފަދަ އާބަން ސެންޓަރަކަށް ހަދައިދޭނަން" ރައީސް ވިދާޅުވިއެވެ.