ހުޅުމާލެ ފޭސް ދޭއްގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކު މިރޭ މަރުވެއްޖެއެވެ.
މަރުވެފައި ވަނީ ދ. ކުޑަހުވަދޫ، ރޭދުވާ، މުހައްމަދު ވިޝާލް، (18އ) އެވެ.
ފޭސް ދޭއްގައި އެ އެކްސިޑެންޓު ހިނގާފައިވަނީ މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ ހަވީރު، 5:00 ޖެހި އިރު ނިރޮޅުމަގާއި ގުލްއަލާމާ ހިނގުން ގުޅުނު ކަންމަތީގައި ދެ ސައިކަލު ޖެހިގެންނެވެ. އެކްސިޑެންޓު ލިބުނު ޒަހަމްތަކަށް ވިޝާލަށް ފަރުވާދެމުން އައީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
ވިޝާލްގެ ކަށުނަމާދު ބާއްވާފައިވަނީ މިރޭ 12:00 ގައި ހުޅުމާލެ ސަހަރާގައެވެ.
އެ އެކްސިޑެންޓު ހިނގި މަންޒަރު ފެނުނު ބަޔަކު ތިބި ނަމަ ފުލުހުންނަށް އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ މީގެ ކުރިން އެދިފައެވެ.