ރަމަޟާން ވެޓަރަންސް ކަޕް

ރޮނާގެ މައްސަލަ އިތުރަށް ބެލުމަށް އެފްއޭއެމް ކޮމިޓީއަށް

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ މިއަހަރުގެ މުބާރާތުގެ ތެރެއިން ހުއްރިއްޔާ ވެޓެރަންސް ޓީމަށް ކުޅުނު ފޯވާޑް، އާދަމް ލަރީފް (ރޮނާ) ހިންގާފައިވާ ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކުގެ މައްސަލަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޑިސިޕްލިނަރީ ކޮމިޓީ އަށް ހުށަހަޅާފައިވާ ކަމަށް، އެފްއޭއެމްއާ ގުޅިގެން ވެޓެރަންސް މުބާރާތް އިންތިޒާމް ކުރާ ކްލަބް އިވެންޓްސް އިން ބުނެފިއެވެ.

ވެޓެރަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ހުރާ އާއި ހުޅުމާލެ ވެޓެރަންސް ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި ހުޅުމާލެ ވެޓެރަންސް އަށް ޕެނަލްޓީއެއް ދޭން ނިންމުމުން އެކަމާ ރޮނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ހުޅުމާލެ ވެޓެރަންސް އިން ޕެނަލްޓީ ކާމިޔާބުކޮށް، 2-1 އިން ކުރިހޯދުމާ އެކު، މެޗުގެ ރެފްރީ ޒަހީރު ހުސެއިންއާ ބޭ އަދަބީ ބަހުން މުއާމަލާތުކޮށް ހަމަލާދޭން މަސައްކަތް ކުރުމުން އޭނާއަށް ދެ ރީނދޫ ކާޑު ދައްކައި، ރަތް ކާޑެއް ދެއްކިއެވެ. އޭގެ ފަހުން ރޮނާ ރުޅި އައިސް ރެފްރީއަށް ހަމަލާ ދޭ މަންޒަރު ފެނިގެން ގޮސްފައިވެއެވެ.

އެފްއޭއެމާ ގުޅިގެން ވެޓެރަންސް ލީގު ހިންގާ ކްލަބް އިވެންޓްސް އިން ބުނީ، ރެފްރީ އަށް ހަމަލާދީ ފުޓްބޯޅަ މެޗެއްގެ ތެރޭގައި މާރާމާރީ ހިންގާފައިވާތީ، ރޮނާ، މުބާރާތުގެ ބާކީ ހުރި ހުރިހާ މެޗަކުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި ކްލަބް އިވެންޓްސް އިން ރާވާ ހިންގާ ހުރިހާ މުބާރާތަކުން، "ވަކި މުއްދަތެއް ނެތްގޮތަށް ސަސްޕެންޑްކުރަން ނިންމާފައިވާ" ކަމަށެވެ.

ވެޓެރަންސް މުބާރާތަކީ އެފްއޭއެމާ ގުޅިގެން ބާއްވާ މުބާރާތަކަށްވާތީ، ރޮނާގެ މައްސަލަ އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީ އަށް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން، ހުޅުމާލެ ވެޓެރަންސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ދަނޑަށް އެރި ހުރާގެ ސަޕޯޓަރު ވަނީ ދެން އެ ޓީމު ކުޅޭ ތިން މެޗަށް ދަނޑަށް ނުވަދެވޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ. އަދި މި މެޗުގައި ހިނގައި ދިޔަ ހާދިސާ ފަދަ ކަމެއް ހިނގާނެ ފަދަ ގޮތަކަށް އަމަލުތައް ނުބަހައްޓަން ހުރާގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ނަސޭހަތްދީފައެވެ.

މިނިންމުންތައް ނިންމުމުގައި މުބާރާތުގެ ކޮމިޓީން ބަލާފައިވާ ކަންތައްތަކަކީ، ހާދިސާގެ ކުޑަބޮޑުމިނާއި ރެފްރީ އަށް ލިބުނު އަނިޔާގެ ކުޑަބޮޑުމިނާއި ހާދިސާގެ ސަބަބުން މުބާރާތުގެ މަގުސަދަށް ލިބުނު އުނިކަމާއި މި ނިންމުމުގެ ސަބަބުން މުބާރާތް ކުޅޭ ކުޅުންތެރިންނަށް އިބުރަތް ހާސިލްވެ، ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދެއްކުމެވެ. އަދި މުސްތަގުބަލުގައި ވެޓެރަންސް މުބާރާތްތަކުގައި މި ފަދަ ހާދިސާތައް ހިނގުމުގެ ފުރުސަތު ހަނިކޮށް، ކުޅުންތެރިން މި ފަދަ ކަންކަން ކުރަން ޖެހިލުންވާފަދަ ހަރުދަނާ ފިޔަވަޅު އެޅުމާއި ކުށަށް އެކަށީގެންވާ ފިޔަވަޅު އެޅުމުގެ އިތުރުން، މުބާރާތްތަކުގެ މެޗުތަކުގައި ރެފްރީންނާއި މެޗު އޮފިޝަލުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ބާރު ލިއްބައިދިނުމެވެ.