ޚަބަރު

ފެލިވަރު މުވައްޒަފުންނަށް ބިރު ދައްކައިގެން ޕީއެންސީއަށް ވޯޓު ހޯދަން ގޮވައިލި މައްސަލަ ހުށަހަޅަން އެދިއްޖެ

އިބްރާހިމް ޒަކީ

ޅ. ފެލިވަރުގައި ހުންނަ މިފްކޯގެ މަސްފެކްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ވަޒީފާގެ ބިރު ދައްކައިގެން ހިންނަވަރު ދާއިރާގެ ސަރުކާރު ހިންގާ ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދު އަބްދުއްރަހްމާނަށް ވޯޓުދޭން މަޖުބޫރު ކުރުވަން ގޮވައިލި މައްސަލަ ނެޝަނަލް ކޮމްޕެއިންސް ބިއުރޯއަށް ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ.

ޅ. ހިންނަވަރުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދެއްކި ޕީއެންސީގެ މެންބަރަކު ބުނެފައި ވަނީ، އިދިކޮޅު ފަރާތްތަކަށް ގުޅައިގެން، ސަރުކާރު ކެނޑިޑޭޓަށް އެއްބާރުލުން ދޭންޖެހޭނެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ. އަދި އެ ފަރާތްތަށް ސަރުކާރު ކެނޑިޑޭޓާ ނުގުޅިއްޖެނަމަ ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށްވެސް ބުންޏެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ދަންނަވައިގެން، ފެލިވަރުގައި މަސައްކަތްކުރާ މީހުން ކޮންޓްރޯލް ކުރުމުގެ ބާރެއް ކެނޑިޑޭޓަށް ދީގެން، އެ ފަރާތް ބޭނުންވާ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބޭނެ ގޮތެއް ހައްދަވައި ދިނުމަށް، އެ ޖަލްސާގައި އިންނެވި ފިޝާރީޒް މިނިސްޓަރު އަރިހުން އެދޭ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އެހެން ނޫނީ މަޖިލިސް އިންތިހާބު ކާމިޔާބު ކުރަން ޕީއެންސީއަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މައްސަލަ ނެޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އެދޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.