ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިސްތިއުނާފުގެ ޝަރީއަތް ލަސްވަމުންދާ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންނަށް ރޭ އައްޑޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ހައި ކޯޓުގައި ހުކުމާ ހަމަޔަށް ގޮސް، ހަތަރު މަސް ވީ އިރުވެސް، އެ މައްސަލައިގައި ހުކުމް ނީއްވައި ލަސްކުރަމުންދާތީ ދޭހަ ވަނީ ސަރުކާރުން މިކަމުގެ ތެރެއަށް ނުފޫޒު ފޯރުވާ އަތްބާނަމުންދާ މިންވަރު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވީ ޔާމީން ޝަރީއަތް ލަސްވާ މައްސަލަ މިއަދު ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށެވެ.
"ރައީސް ޔާމީނުގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީއިން ބެލުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑު އިންނާތީ، މާދަމާ އަޅުގަނޑު މި މައްސަލަ ލާނަމޭ، ބަލުވާނަމޭ މި މައްސަލަ ޖޭއެސްސީން،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ވަކި ސަރުކާރަކަށް ވުމުން، ވަކި ބަޔަކު އިންސާފުން އެއްކިބާވާ ގޮތަށް ކަންކަން ކޮށްގެން ނުވާނެ ކަމަށާއި ހާއްސަކޮށް ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭ އިހުތިރާމް ކޮންމެ ސަރަކާރަކުން ވެސް ދޭން ޖެހޭނެ ކަމަށެވެ.
ޔާމީންގެ އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް ހުރަސްއެޅި މައްސަލައިގައި ސަރުކާރުގެ އަމަލުތައް ކުށްވެރިކުރައްވައި އަސްލަމް ވިދާޅުވީ ސިޔާސީ އެއްވެސް ހަރަކާތެއްގެ ތެރެއަށް އޭރެއްގައި އޮންނަ ސަރުކާރަކުން ފޮނުވައިގެން ނޫން ގޮތަކަށް ފުލުހުން ނުވަންނާނެ ކަމަށާއި އެ ޖަލްސާއަށް ފުލުހުން ފޮނުވައިގެން ހުއްޓުވި ހުއްޓުވުމުން ދޭހަ ވަނީ ޔާމީންގެ ޝަރީއަތަށް މި ސަރުކާރުން އަތްބާނަމުންދާ ކަމެވެ.
އަސްލަމް މިގޮތަށް ވިދާޅުވި އިރު، މިފަހުން ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ޔާމީން ވަނީ އެމަނިކުފާނުގެ ޝަރީއަތްތައް ލަސްކުރަނީ ސަރުކާރުގެ މަތީ ފަޑިން އަތް ބާނައިގެން ކަމަށް ވިދާޅުވެފައެވެ.
ޔާމީން ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ގޭގެއަށް ވަޑައިގަތުމުން، އެ މަނިކުފާނު މިނިވަން ކުރަން ކުރެއްވި ވައުދު ނުފުއްދަވާ ކަމަށް އާންމުން ސުވާލު ކުރައްވާ ކަމަށެވެ. އެ ސުވާލަށް ރައީސް މުއިއްޒު ދެއްވާ ޖަވާބަކީ "ތިމަންނަން ހާދަ މަސައްކަތެއް އެކަމުގައި ކުރަމޭ" ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"މުއިއްޒު ކުރައްވާ މަސައްކަތެއް ނޯންނާނެ އަޅުގަނޑު މިނިވަން ކުރާކަށް. އަޅުގަނޑަށް އެނގިފައި ހުރި ގޮތުން ވެއްޖިއްޔާ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ހައިކޯޓުގައި ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެއީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް ބޭއްވި އަޑުއެހުމެކެވެ.
އެ އަޑުއެހުމުގައި ޝަރީއަތުން ވަނީ ޔާމީންގެ ފަރާތްޕުޅުންނާއި އެ މަނިކުފާނާއެކު ރިޝްވަތު ދިނުމުގެ ދައުވާ އުފުލި ޔޫސުފް ނައީމްގެ ފަރާތުން އަދި ދައުލަތަށް ފަހުބަސް އިއްވުމުގެ ފުރުސަތު ދީފައެވެ. އެއިން ކޮންމެ ފަރާތަކަށްވެސް ފަހުބަސް އިއްވުމަށް ދިނީ 30 މިނެޓެވެ.
އެ ދުވަހުގެ އަޑުއެހުމުގައި އެ މައްސަލައިގެ އަޑުއެހުންތައް ނިންމަވައިލައްވަމުން ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވެފައިވަނީ އެ މައްސަލަތައް ޝަރީއަތުން ދިރާސާ ކުރަމުންދާ އިރު، ދެ ފަރާތް ހާޒިރުކޮށްގެން ކަމެއް ސާފުކުރަން ނުޖެހޭ ކަމަށްވާ ނަމަ، މައްސަލައިގައި ހުކުމްކުރުމަށް ތާވަލުކުރެވޭނެ ކަމަށެވެ.
ޔާމީން މިހާރު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.
ހުކުމް ކުރުމުގެ އަޑުއެހުން އަދި ތާވަލުނުކުރާ އިރު ޔާމީނުގެ ވަކީލުންނާއި އެމަނިކުފާނުގެ ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަމުންދާތީ، އަޑުއެހުން ތާވަލުކުރެވޭނެ ދުވަހަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ހައި ކޯޓުން ބުނީ އަދި އަޑުއެހުން ކޯޓުގެ ތާވަލުގައި ހިމަނާފައި ނުވާ ކަމަށެވެ. އަދި ކޯޓުގައި ހުރި ގިނަ މައްސަލަތަކުގެ ތެރެއިން، އެ ޝަރީއަތް ލަސްވަމުންދާ ކަމަށް ކޯޓުން ނުދެކޭ ކަމަށެވެ.