ޚަބަރު

ނޫސްވެރިންނަށް ހަމަހަމަ އަދުލުވެރި ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރާނަން: ޕީޕީއެމް

މަރިޔަމް ޝަހުދާ

ދިވެހި ނޫސްވެރިންނަށް ހަމަހަމަ އަދުލުވެރި ފުރުސަތު ފަހިކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އިން މިހެން ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ނޫސްވެރިންނަށް، ދުވަހުގެ ތަހުނިޔާ ފޮނުއްވައި، މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

މި ނޫސްބަޔާނުގައި ޕީޕީއެމް އިން ވަނީ ނޫސްވެރިކަމަކީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް އަގުހުރި ހިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކާއި މިހާރުވެސް، ހިދުމަތް ކޮށްދެއްވަމުން އަންނަ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކުގެ އަގު ވަޒަންކުރާކަމަށް ބުނެފައިވެއެވެ.

ޕީޕީއެމް އިން ވަނީ ތަފާތު ކުރުމެއްނެތި ހުރިހާ ނޫސްވެރިންނަށް ޕީޕީއެމް އިން އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ. އަދި ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް އިން ރާއްޖެއަށް ލިބިފައިވާ ކާމިޔާބު ފާހަގަކޮށް، އެ ކާމިޔާބު ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރޭތޯ ޕީޕީއެމްއިން ފާރަވެރިވެ މަސައްކަތް ކުރާނެކަމަށް ޕީޕީއެމް އިން ބުނެފައިވެއެވެ.