ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރަށް ފާޑުކިޔުން ބަންދުކުރުމުން ދައުލަތް ހިންގުމުގެ ނިޒާމު ބޮއްސުންލައި ކޮރަޕްޝަނާއި ފަސާދަ އާންމުވި: ރައީސް

ސަރުކާރުގެ ކަންކަމަށް ފާޑުކިޔުމުގެ ދޮރު ބަންދުކުރުމުން މުޅި ދައުލަތް ހިންގުމުގެ ނިޒާމު ބޮއްސުންލައި ކޮރަޕްޝަނާއި ފަސާދަ އާންމުވެގެން ދިޔަ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެމަނިކުފާނު ފޮނުއްވި ހިތޯބުގަ އެވެ.

ރައީސް ސޯލިހުގެ ޚިތޯބުގައި ވިދާޅުވީ ސަރުކާރަށް ފާޑުކިޔުމުގެ ދޮރު ބަންދުކުރުމުގެ ސަބަބުން ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަން ކުރުމާއި ހިޔާނާތްތެރިވުން އިންތިހާއަށް އިތުރުވެގެންދިޔަ ކަމަށެވެ. އޭގެ ނަތީޖާއަކަށްވީ ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަހަރުން އަހަރަށް ދަށަށް ގޮސް، މިދިޔަ އަހަރު ނިމުނުއިރު އެ އިންޑެކްސްގެ 120 ވަނައަށް ރާއްޖެ ވެއްޓުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހުގެ ޚިތޯބުގައި ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި ދަމަހައްޓަމުން އައި ސަގާފަތަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ލަގަން ސަރުކާރުގެ މުށުތެރޭގައި ބޭއްވުން ކަމަށެވެ. މި ސަރުކާރު ފެށުނުއިރުވެސް ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ ގާނޫނުގެ ވަކިތަކުން ހިފަހައްޓައި ކަސްތޮޅު އަޅުވައިފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ނަމަވެސް ފެންނަން އޮތް ހަގީގަތަކީ އެކަން އެގޮތަށް ކުރުމުން ރާއްޖެއަށް ލިބުނު މޮޅެއް އަދި ސަރުކާރަށް ލިބުނު ފައިދާއެއް ވެސް ނެތް ކަމެވެ." ރައީސް ސޯލިހުގެ ޚިތޯބުގައި ވިދާޅުވި އެވެ.

މި ސަރުކާރު އުފެދުމަށްފަހު އެންމެ ފުރަތަމަ ތަސްދީގުކުރެއްވި ބިލަކީ އަބުރުގެ ގާނޫނު އުވައިލުމުގެ ބިލުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ގާނޫނު އުވާލައި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން މި ސަރުކާރުން އަނބުރައި ހޯދައިދިނީ މިނިވަން ނޫސްވެރިކަމުގެ ޒަރީއާއިން ދައުލަތުގެ ބާރުތައް ޒިންމާދާރު ކުރުވުމުގެ ބޭނުމުގައި ކަމަށެވެ. އެ ގާނޫނު އުވައިލީ ވައްކަމާއި ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދައިން ދައުލަތުގެ މުއައްސަސާތައް ސަލާމަތްކުރުމުގެ މަގުސަދުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން މަސައްކަތްކުރަމުން މި އަންނަނީ މިހާރަށްވުރެވެސް މިނިވަން ވެށްޓެއްގައި ނޫސްވެރިކަން ކުރެވޭނެ މަގު ފަހިކޮށްދިނުމަށް. ހަމައެއާއެކު ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ސަރުކާރުން މި އަންނަނީ ފިޔަވަޅުތައް އަޅަމުން. މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމުގެ ގޮތުން ސަރުކާރުގެ އެންމެހައި ކަންކަން ހިނގަމުންދާނީ ވީހާވެސް ދެފުށް ފެންނަ ގޮތަށް. އަދި ސަރުކާރުގެ މަސައްކަތްތައް ހިނގަމުންދާގޮތް ނޫސްވެރިންނަށް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެ." ރައީސް ސޯލިހުގެ ޚިތޯބުގައި ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ދައުލަތެއްގައި ރައްޔިތުން ތިބުމުގެ ބޭނުމަކީ އެ ދައުލަތުގެ ކަންކަމާމެދު ޚިޔާލު ފާޅުކޮށް، ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުން ކަމަށާއި ދައުލަތެއްގައި ވެރީންތަކެއް ތިބުމުގެ ބޭނުމަކީ ރައްޔިތުންގެ ފާޑުކިޔުންތައް އަޑުއަހައި ރައްޔިތުން އެދޭގޮތަށް ދައުލަތުގެ ކަންކަން އިސްލާހުކުރުން ކަމަށެވެ.

ހިޔާލު ފާޅުކުރުމާއި މައުލޫމާތު ފެތުރުމަކީ ހައްގަކަށްވާ ފަދައިން އެ ހައްގާ ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއްވެސް ހުރިކަން ހަނދާން ކުރަންޖެހޭ ކަމަށާއި އެއީ ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމާއި ތެދު މައުލޫމާތު ފެތުރުންކަން ރައީސް ފާހަގަކުރެއްވި އެވެ. އެ ޒިންމާއަށް އިހުމާލުވެއްޖެނަމަ މުޖްތަމައުގައި ފިތުނަ ފަސާދަ އުފެދި ޑިމޮކްރެސީއަށް ހީނަރުކަން އަންނަކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.