ޚަބަރު

ފޮނަދޫ ތަރައްގީކުރާނީ އާބަން ސެންޓަރެއްގެ ގޮތުގައި، ހައުސިންގެ ބިޔަ ބޮޑު މަޝްރޫއެއް ހިންގާނަން: ރައީސް

ލ. ފޮނަދޫ ތަރައްގީކުރާނީ އާބަން ސެންޓަރެއްގެ ގޮތުގައި ކަމަށާއި އެރަށުގައި ބިން ބޮޑުކުރުމާއި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، ލާމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފޮނަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ލާމު އަތޮޅަކީ ތަރައްގީގެ ވަރަށް މުހިންމު ހިއްސާއެއް އަދާކުރާނެ އަތޮޅެއް ކަމަށެވެ. ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްގީއަށް ހާސިލުވާގޮތަކަށް ކަންކަން ބައްޓަން ކުރުން ކަމަށެވެ. އެގޮތުން ހަތް ސަރަހައްދެއްގައި އާބަން ސެންޓަރު ގާއިމުކުރުމަކީ އެމަނިކުފާނުގެ މާސްޓާ ޕްލޭންގައި ހިމެނޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ އާބަން ސެންޓަރުތައް ވެގެންދާނީ އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް ގާއިމުވެގެންދާ ތަންތަނަށް ކަމަށާއި މާލެގައި ހުންނަ ހުރިހާ ހިދުމަތަކަށްވުރެ ރަނގަޅަށް ތަރައްގީ ކުރުމަކީ އަމާޒެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިގޮތަށް ކަނޑައެޅި ހަތް ސަރަހައްދެއް އޮންނާނެ ކަމަށް، އޭގެ ތެރެއިން އެއް ރަށަކީ މިރަށް، ލާމު އަތޮޅު ފޮނަދޫ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފޮނަދޫއަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑަށް އެއް މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަ ކަމަށާއި އެއީ އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ މަސައްކަތް ކަމަށެވެ. އަދި އެއީ އާބަން ސެންޓަރެއްގައި ވެސް އެންމެ ފުރަތަމަ ޔަގީންވެގެންދާނެ އެއް މަޝްރޫއު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިރަށުގެ ތަރައްގީގައި އިތުރަށް ބިން ހިއްކަން ވައުދުވީ އެހެންވެގެން. ބިން ހިއްކުމާ އެކީގައި ހައުސިން މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެހިގެންދާ އިރު، އެކި ސްކޭލްގައި އެކި ކަންކޮޅުތަކުގައި ފެށިގެންދާ އިރުގައި، އެންމެ ގިނަ ހައުސިން މަޝްރޫއު ހިންގޭ ހަތް ރަށަކަށް މިވަނީ ހަތް އާބަން ސެންޓަރު ހިންގޭ ރަށް ކަމުގައި. މިރަށުގައި މި ބިން ހިއްކުމުގެ މަޝްރޫއާ އެކީގައި ހައުސިންގެ ބިޔަ ބޮޑު މަޝްރޫއެއް ހިންގާނަން އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއުތަކަކީ ބެޖުޓުގައި ހިމަނައިގެންނާއި އިންވެސްޓްމެންޓްތަކުންނާއި ފައިނޭންޝަލް މޮޑެލްތަކުގެ ތެރެއިން ހިންގާނެ މަޝްރޫއުތަކެއް ކަމަށެވެ. މީގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީގައި އާބާދީ އެއްފަސް ކުރުމުގެ ކަންކަން ފެށޭނެ ކަމަށެވެ.

ފޮނަދޫއަކީ މީގެ ކުރިންވެސް އެއްފަސް ކޮށްފައިވާ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އާބާދީ އެއްފަސް ކުރުމަކީ އެމަނިކުފާނާއި ސަރުކާރުގެ ވިސްނުން ކަމަށެވެ.