އަންނަ ސީޒަނުން ފެށިގެން ޕްރިމިއާ ލީގުގައި ސެމީ-އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ (އެސްއޭއޯޓީ) ބޭނުން ކުރަން ކްލަބުތަކުން މިއަދު ފާސްކޮށްފިއެވެ.
ޕްރިމިއާ ލީގުން ބުނެފައި ވަނީ އަންނަ ސީޒަނުގެ ތެރެއިން އެސްއޭއޯޓީ ތައާރަފު ކުރަން ނިންމާފައި ވަނީ އިންޓަނޭޝަނަލް ބްރޭކަށްފަހުގައި ކަމަށެވެ. އެއީ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަސް ތެރޭގައެވެ.
ޕްރިމިއާ ލީގުން ބުނެފައި ވަނީ އެސްއޭއޯޓީ ތައާރަފުކުރުމުން ވީއޭއާރް ބޭނުންކޮށްގެން އޮފްސައިޑް ބެލުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށެވެ. އެއީ 31 ސިކުންތުގެ އަވަސްވުމަށް ކަމަށްވެސް ޕްރިމިއާ ލީގުން ބުނެފައިވެއެވެ. އަދި ނިންމުންތައް އިތުރަށް އިންސާފުވެރިކުރުމަށްވެސް އެސްއޭއޯޓީ އެހީވެދޭނެ ކަމަށްވެސް ޕްރިމިއާ ލީގުން ބުނެފައިވާ އިރު، އެސްއޭއޯޓީގެ ސަބަބުން ބެލުންތެރިންނަށްވެސް އޮފްސައިޑް ނިންމުންތައް ފަސޭހައިން ދޭހަވެ، އިތުބާރު ދެމެހެއްޓޭނެ ކަމަށްވެސް ޕްރިމިއާ ލީގުން ބުނެފައިވެއެވެ.
އެސްއޭއޯޓީ ޕްރިމިއާ ލީގުގައި ބޭނުންކުރަން ކްލަބުތަކުން ނެގީ ސިއްރު ވޯޓެކެވެ.
ޕްރިމިއާ ލީގުން ބުނެފައި ވަނީ އަންނަ ސީޒަނުގެ ބައެއް އެފްއޭ ކަޕް މެޗުތަކުގައިވެސް އެސްއޭއޯޓީ ބޭނުންކުރަން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެފްއޭ ކަޕްގައި ޕްރިމިއާ ލީގުގެ ކްލަބުތަކުން ކުޅޭ މެޗުތަކާއި ވެމްބްލީގައި ކުޅޭ ސެމީ ފައިނަލް އަދި ފައިނަލް މެޗުގައިވެސް އެސްއޭއޯޓީ ބޭނުންކުރަން ވިސްނާ ކަމަށް ޕްރިމިއާ ލީގުން ބުނެފައިވެއެވެ.
އެސްއޭއޯޓީ ފުރަތަމަ ރަސްމީކޮށް ބޭނުންކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕްގައެވެ. ޕްރިމިއާ ލީގުގައި ވީއޭއާރްގެ މައްސަލަތައް އިތުރުވެގެން ގޮސްފައިވާ އިރު، އެސްއޭއޯޓީ ބޭނުންކުރަން ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.