ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ލޯގާ އާއި ދިދަ ތައާރަފުކޮށްފިއެވެ.
ޕީއެންއެފްގެ ވަގުތީ ރައީސް، އަދި ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން ޕީއެންއެފްގެ ކުލަތަކަކީ ގުރާފެއްސާއި ކަނޑުނުލެވެ އަދި ލޯގޯގައި ތަރިއަކާއި ހުޅެވިހަނދެއް ހުރެއެވެ.
ލޯގޯގެ ތަރީގައި ގުރާ ފެހި ކުލަ ހުންނަ އިރު ހުޅެވިހަނދު ހުރީ ކަނޑު ނޫކުލައިގައެވެ.
ޕީއެންއެފް އުފެއްދުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވަނީ އެ ލޯގާ އާއި ދިދަ ޖަލްސާގެ ބައިވެރިންގެ އިއްތިފާގުން ފާސްކޮށްފައެވެ. ޕީއެންއެފް އުފެއްދި ޖަލްސާގައި 329 މީހުން ބައިވެރިވިއެވެ.
އެ ޖަލްސާގައި ވަނީ ޕީއެންއެފް ސިއްކަ، އެޑްރެސް އަދި އަސާސީ ގަވާއިދުވެސް އިއްތިފާގުން ފާސްކޮށްފައެވެ.
މީގެ އިތުރުން އެ ޖަލްސާގައި ވަނީ ޕީއެންއެފްގެ ރައީސްގެ މަގާމަށް ޒެއިން، ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މަލީހު ޖަމާލް، ވަގުތީ ހަޒާންދާރުގެ މަގާމަށް އަހުމަދު މުސްތަފާ އަދި ވަގުތީ ރަޖިސްޓްރާގެ މަގާމަށް އަލީ ޝިޔާން އިންތިހާބުކޮށްފައެވެ. އެ މަގާމުތަކަށް އެ ބޭފުޅުން އިންތިހާބުކުރީ ޖަލްސާގައި ބައިވެރިވި 329 މީހުންގެ އިއްތިފާގުންނެވެ.
މީގެ އިތުރުން ޕީއެންއެފް ވަގުތީ ގޮތުން ހިންގާ ކޮމިޓީއަށް ވަނީ ޔާމީން އިންތިހާބުކޮށްފައެވެ. އެ ކޮމިޓީގައި ޔާމީންގެ އިތުރުން، ޒެއިން، ޑރ. މުހައްމަދު ޖަމީލު އަހުމަދު، މަލީހުގެ އިތުރުން 17 މީހަކު ހިމެނިވަޑައިގަންނަވައެވެ. ޖުމުލަ 20 މެމްބަރުން ހިމެނޭ އެ ކޮމިޓީއަށް އެ ބޭފުޅުން އިންތިހާބުވެވަޑައިގަތީ ޖަލްސާގެ ބައިވެރިންގެ އިއްތިފާގުންނެވެ.