ލ. ގާދޫގައި ބަންކަރިން ޕޯޓެއް ގާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ލާމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އިސްދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ރައީސް މުއިއްޒު އުންމީދު ކުރައްވާ ތަރައްގީ ހޯދައި ދިނުމަށް، ކައްދޫ އެއާޕޯޓު އިންޓާނޭޝަނަލް ކުރުމުގެ އަމަލީ މަސައްކަތް ފަށައި، އެ ކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
"އަދި ބަންކަރިން ޕޯޓުގެ މަސައްކަތް އެމްޕީއެލާ އެކު ކުރިޔަށް ގެންދިއުމަށް މަސައްކަތް ފެށުމަށްވެސް ވަނީ ތައްޔާރުވެފައި،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ލ. އަތޮޅުގެ ތަރައްގީއަށް ރައީސް މުއިއްޒުގެ ތަސައްވަރު ވަރަށް ފުޅާ ކަމަށާއި އެގޮތުން އިތުރު ރިސޯޓުތައް ތަރައްގީކޮށް އަދި ލޯކަލް ޓޫރިޒަމް ތަރައްގީކޮށް، 5000 ނުވަތަ 6000 އެނދު ލާމު އަތޮޅުގައި ތަރައްގީ ކުރުމަށް ރައީސް އުންމީދު ކުރައްވާ ކަމަށެވެ.
ނަމަވެސް އެތަރައްގީ ގެނެވޭނީ މި ފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ގޮނޑިވެސް މި ސަރުކާރަށް ހޯދައިދީގެން ކަމަށާއި މަޖިލިސް މެޖޯރިޓީއާ އެކު ރައީސް ތަރައްގީ ގެނެސްދެއްވާނެކަން ޔަގީންކުރައްވާ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި ތައްޔާރީތައް ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ދިނުމަށްޓަކައި ވިޓޯލް ބަންކާސްއާ އެކު ޓާމް ޝީޓުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.
މީގެ އިތުރުން ލ. ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްގީކުރަން ވެސް އިއުލާނުކޮށްފައިވަނީ ޔާމީން ސަރުކާރުގައެވެ. އެ މަޝްރޫއަށް ގާދޫގައި ދިރިއުޅެމުން ދިޔަ މީހުން ވެސް އެ އަތޮޅު ފޮނަދުއަށް ބަދަލު ކުރިއެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
މިދިޔަ ސަރުކާރުން ވަނީ ލ. ގާދޫގައި ޕޯޓެއް ހެދުމުގެ ފީސިބިލިޓީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭގެ އިތުރަށް އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.