ޚަބަރު

އިސްދޫ-ދަނބިދޫ ކޯޒްވޭ ހަދާނީ ޔާމީން ސަރުކާރުގައި ތައްޔާރުކުރި ޑިޒައިނަށް: ރައީސް

މުހައްމަދު އިޝާން

އިސްދޫ، ކަލައިދޫ އަދި ދަނބިދޫ ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންދާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ތައްޔާރުކުރެއްވި ޑިޒައިނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، ލާމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އިސްދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ރައްޔިތުން ބޭނުންވާ ބާރު މިނުގައި ކޯޒްވޭގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. ކޯޒްވޭގެ މަސައްކަތް ކުރީ ސަރުކާރުން ފަށައިފައިވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާން އެބަހުރި އަޅުގަނޑު ކުރީގެ ހައުސިން މިނިސްޓަރަކަށް ހުރި އިރު އެއިރުގައި ހެދި ޑިޒައިން މިއަށްވުރެ މާ ތަނަވަސް ޑިޒައިނެއް އޮންނާނީ. އެ ޑިޒައިން އޮތީ މިދިޔަ ސަރުކާރުން ބަދަލުކޮށްފައި. ރައްޔިތުން ބޭނުންވަނީ ކުރީގެ ޑިޒައިން. އެހެންވީމާ އަޅުގަނޑުމެން ކޮންސްޓްރަކްޝަން މިނިސްޓަރަށް ދަންނަވައިފިން ކުރީގައި އޮތް ޑިޒައިންނަށް ރައްޔިތުން އެދޭ ގޮތަށް ދެވޭނެ ގޮތެއް ބަލައި އެ ގޮތަށް ބަދަލުކޮށްގެން މަސައްކަތް ކުރިއަށް ގެންދަން،" ރައީސް ވިދާޅުވިއެވެ.

އިސްދޫ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ކަންކަން ސަރުކާރުން ގެނެސްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރަށް ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެނަމަ މިދިޔަ ފަސް މަސް ދުވަހަށްވުރެ ބާރަށް މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކޮށްދީފައި ވަނީ މަޝްރޫއުތަކަށް މަދު އަދަދެއްގެ ފައިސާ ހިމަނައިފައި ކަމަށާއި އެ މަނިކުފާނު ހުށަހެޅުއްވި ބައެއް މަޝްރޫއުތައް ވެސް ބަޖެޓުން އުނިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެޕްރީލް މޭ މަހު ފަށަން ރާވާފައިވާ މަޝްރޫއުތައް ވެސް ފެށެން ހުރީ އަހަރުގެ ފަހުކޮޅުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

މަޖިލީހުން ބަޖެޓް ފާސްކޮށްދިން ގޮތުގެ ސަބަބުން ސަރުކާރުން ބޭނުންވާ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ނުގެނެވޭނެ ކަމަށާއި ނަމަވެސް ބައެއް މަޝްރޫއުތައް މިހާރު ޓެންޑާކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.