ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ މެންޗެސްޓާ ސިޓީއާއި ރެއާލް މެޑްރިޑް އަދި އާސެނަލާއި ބަޔާން މިއުނިކް ކުރިމަތިލި މެޗުތައްވެސް އެއްވަރުވެއްޖެއެވެ.
އާސެނަލުން ރޭ އަމިއްލަ ދަނޑުގައި ބަޔާން ކައިރިން އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އަނެއް މެޗުގައި އެންމެފަހުގެ ޗެމްޕިއަނުން މެންޗެސްޓާ ސިޓީން، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.
ރެއާލްގެ ދަނޑުގައި ރޭ ސިޓީއާ ދެކޮޅަށް އެޓީމުން ކުރިމަތިލި މެޗު ފެނިގެން ދިޔައީ ފޯރިގަދަކޮށެވެ. ޗެމްޕިއަންސް ލީގުގެ މި ސީޒަނުގައި މިހާތަނަށް ފެނުނު އެންމެ ފޯރިގަދަ އެއް މެޗުގެ ގޮތުގައިވެސް ބެލެވިގެން ދިޔަ ރޭގެ ކުއާޓާ ފައިނަލް ރަނގަޅަށް ފެށީ ސިޓީންނެވެ. ކެވިން ޑި ބްރޭނާއާ ނުލައި މެޗަށް ނުކުތް ސިޓީން މެޗުގެ ކުރީކޮޅުގައި ލިބުނު ހިލޭ ޖެހުމަކުން ލީޑު ނެގިއެވެ.
މެޗުގެ ދެވަނަ މިނެޓުގައި ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުން ގޯލަށް ވައްދާލީ ބަނާޑޯ ސިލްވާއެވެ. ސިލްވާ އެ ހިލޭ ޖެހުން ޖެހި ވަގުތު ރެއާލްގެ ކީޕަރު ކުރިއަށް ޖެހިގެން ހުރުމުން، އޭނާ ސީދާ ފޮނުވާލީ ގޯލާ ދިމާލަށެވެ. ބޯޅަ ގޯލަށް ވަނީ އަތުގައި ޖެހިފައެވެ.
ސިޓީން ރަނގަޅަށް މެޗު ފެށި ނަމަވެސް، ރެއާލުން ދިޔައީ މަޑުމަޑުން މެޗު ތެރެއަށް ވަންނަމުންނެވެ. އެޓީމުން ހަލުވި އެޓޭކްތަކުގައި ސިޓީއަށް ނުރައްކާ ކުރަމުން ގޮސް، 12 ވަނަ މިނެޓުގައި މެޗު އެއްވަރުކުރިއެވެ. އެ ގޯލަކީ އޭރިއާ ބޭރުން އެޑުއާޑޯ ކަމަވިންގާ ފޮނުވާލި ބޯޅައެއް، ރުބެން ޑިއާޒް ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ވަން ގޯލެކެވެ. އަދި އޭގެ ދެ މިނެޓް ފަހުން ރެއާލް ދެވަނަ ގޯލެއް ޖަހައި ނަތީޖާ އަނބުރާލިއެވެ.
އެ ގޯލު ޖެހީ ރޮޑްރީގޯއެވެ. އަރިމަތިން ވަދެ، މަޑުމަޑުން ރޮޑްރީގޯ ފޮނުވާލި ބޯޅަ ގޯލަށް ވަނީ މެނުއަލް އަކާންޖީގެ ފައިގައި ޖެހިފައެވެ.
ދެވަނަ ހާފު ފެށިގެން ސިޓީން އަނެއްކާވެސް ކުޅުން ރަނގަޅުކުރިއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ފިލް ފޮޑެން ޖެހި ހިތްގައިމު ގޯލުން ސިޓީ ނަތީޖާ އެއްވަރުކުރި އިރު، 71 ވަނަ މިނެޓުގައި ޖޮސްކޯ ގްވާޑިއޯލް އޭރިއާ ބޭރުން ގޯލަށް ވައްދާލި ބޯޅައިން މެޗުގައި ސިޓީ އަނެއްކާވެސް ލީޑު ނެގިއެވެ.
ސަންތިއޭގޯ ބާނަބޭއޫގައި ސިޓީ މޮޅުވާން ދަނިކޮށް، ރެއާލަށް އެއްވަރުކޮށްދިނީ ފެޑެރީކޯ ވަލްވާޑޭއެވެ. ވިނީޝިއަސް ޖޫނިއާގެ ހުރަސް، ވަލްވާޑޭ ގޯލަށް ވައްދާލީ އެއްފަހަރުންނެވެ.
އާސެނަލުން ރޭ އަމިއްލަ ދަނޑުގައި ބަޔާނާ އެއްވަރުކުރި އިރު، މެޗުގެ 12 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ވަނީ ހޯމް ސަޕޯޓަރުންނަށް އުންމީދު ހޯދައިދީފައެވެ. ސަކާ ޖެހި ގޯލުން އާސެނަލް ލީޑު ނެގި ނަމަވެސް، ހާފު ނިމުމުގެ ކުރިން ބަޔާނުން ވަނީ މެޗުގެ ނަތީޖާ އަނބުރާލައިފައެވެ. ސާގް ގްނަބެރީގެ ހިތްގައިމު ގޯލުން ބަޔާން އެއްވަރުކުރި އިރު، 32 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ގޯލު ޖެހީ ހެރީ ކޭންއެވެ.
އާސެނަލުން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތް ކާމިޔާބުވީ 76 ވަނަ މިނެޓުގައެވެ. އާސެނަލަށް މެޗު އެއްވަރުކޮށްދިނީ ބަދަލަކަށް ނުކުތް ލެއާންޑްރޯ ޓްރޮސާޑެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގެ ދެ މެޗު މިރޭވެސް އޮންނާނެއެވެ. މިރޭ ބާސެލޯނާއިން ޕީއެސްޖީއާ ދެކޮޅަށް ނުކުންނަ އިރު، އެތުލެޓިކޯ މެޑްރިޑް ނުކުންނާނީ ބްރޫޝިއާ ޑޯޓުމަންޑާ ދެކޮޅަށެވެ.