ހ. ބުރެވިމާގެ މަރްހޫމް ޒާހިރުގެ ތައުބީނުގެ ޖަލްސާ ބާއްވައިފިއެވެ.
ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްދެއްވާފައިވާ ޒާހިރުގެ ތައުބީރުގެ ޖަލްސާ މިރޭ ބާއްވާފައިވަނީ ދަރުބާރުގޭގައެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޒާހިރަކީ ސަރުކާރުގެ ހިދުމަތުގައި އެންމެ ތިރީ ހަރުފަތުން ފެށިގެން އެންމެ މަތީ ހަރުފަތާ ހަމައަށް ހަރުދަނާކަމާއި ސާބިތުކަމާއެކު ކުރިއަށް ހިދުމަތް ކުރެއްވި ބޭޅެއްކަމުގައެވެ. ޒާހިރަކީ ކަސްޓަމްސް ދިރުވައި ތަރައްގީ ކުރައްވައި، ކަސްޓަމްސްގެ ހިދުމަތް އެންމެންނަށް ފޯރުކޮށްދިނުމުގައި ލާމަސީލު ނަމޫނާއެއް ދެއްކެވި ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ވަރަށް އިހްލާސްތެރިކަމާއި މުރާލިފުޅު ކަމާއެކު މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއްކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވިއެވެ.
ކަސްޓަމްސްގައި އަލްމަރްހޫމް މުހައްމަދު ޒާހިރުއާއެކު މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއްކަމުގައިވާ ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރ އައިމިނަތު ރަޝީދު ވިދާޅުވީ އެމަނިކުފާނު ކަސްޓަމްސްއަށް ހިދުމަތް ކުރައްވަމުން ގެންދެވީ ގާބިލުކަމާއި ނަޒާހާތްތެރިކަމާއެކު އާދަޔާ ޚިލާފު ނަމޫނާއެއް ދައްކަވަމުންކަމުގައެވެ. އަދި އަޅުގަނޑުމެން އެންމެ ޒާހިރުގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި ހިއްމަތްތެރިކަމުގެ ލާމަސީލު މިސާލުން އިބްރަތް ހާސިލް ކުރަންޖެހޭނެ ކަމުގައެވެ.
މި ޖަލްސާގައި، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މަރްޙޫމް މުޙައްމަދު ޒާހިރު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން އެމަރްހޫމްގެ ހަނދާނުގައި ޝަރަފުގެ އައްޑަނައަކާއި ލިޔުމެއް އެރުވިއެވެ. މި ޝަރަފުގެ އައްޑަނައާއި ލިޔުން މަރްހޫމް މުހައްމަދު ޒާހިރުގެ އާއިލާއާ ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
އަލްމަރްހޫމް މުހައްމަދު ޒާހިރަކީ 63 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކުރެއްވި، އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޯގަސްޓް 1942 ގައި މަހްކަމަތުއް ދާހިލިއްޔާގެ ކާތިބުކަމުން ސަރުކާރުގެ ހިދްމަތާ ގުޅިވަޑައިގެންނެވި، މުހަންމަދު ޒާހިރު ފުރުއްވާފައިވާ މުހިންމު މަގާމުތަކުގެ ތެރޭގައި، ވަޒީރުލްއަޢުޡަމްގެ ހާއްސަ ސެކްރެޓަރީ ކަމާއި، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީ ކަމާއި ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާކަމާއި ކަސްޓަމްސްގެ ވެރިޔާކަން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޕްރައިވެޓް ސެކްރެޓަރީ ކަމުގެ މަގާމުވެސް ޒާހިރު ވަނީ ފުރުއްވައިފައެވެ. އޭގެފަހުން ރައީސް މައުމޫންގެ ވެރިކަމުގައި މުހަންމަދު ޒާހިރު ފުރަތަމަ އަދާކުރެއްވީ، މިނިސްޓަރ އޮފް ފިޝަރީޒްގެ ނައިބުކަމެވެ. އޭގެފަހުން، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ގެ މަގާމާއި މިނިސްޓަރ އޮފް ސްޓޭޓް ކަމުގެ މަގާމާއި ދައުލަތަށް ގިނަދުވަހު ހިދްމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމުވެސް އެ މަނިކުފާނު ވަނީ ފުރުއްވައިފައެވެ. ޒާހިރަކީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި ފާދިއްޕޮޅު މެންބަރުކަމާއި ކޮޅުމަޑުލު މެންބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.
ޒާހިރަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވީ، 2011 ވަނަ އަހަރުގެ މިނިވަންދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. އަލްމަރްހޫމް މުހައްމަދު ޒާހިރު އަވަހާރަވިއިރު އަނބިކަނބަލަކާއި ހަތް ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. އެއީ ހަތަރު ފިރިހެން ބޭފުޅުންނާއި ތިން އަންހެން ބޭފުޅުންނެވެ.