މި އަހަރުގެ ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގެ އޮފީސްތަކުގައި ހާއްސަ އެސެމްބްލީއެއް ބާއްވައިދޭން ދިވެހި ބަހުގެ އެކަޑަމީން އެދިއްޖެއެވެ.
ދިވެހި ބަހުގެ ދުވަހަކީ މި މަހުގެ 14 ވަނަ ދުވަހެވެ.
ދިވެހި ބަހުގެ އެކެޑަމީން ދައުލަތުގެ ހުރިހާ ވުޒާރާއަކަށާއި މިނިވަން މުއައްސަސާތަކާއި ލޯކަލް ކައުންސިލްތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނީ، މި ރޯދަމަހުގެ ފަހު ދިހައެއްގެ ބަންދަށްފަހު އެ އޮފީސްތައް ހުޅުވާ އިރު، ހުރިހާ މުވައްޒަފުން ހިމަނައިގެން އަންނަ ހޯމަ ދުވަހު ހާއްސަ އެސެމްބްލީއެއް ބާއްވައިދޭން އެދޭ ކަމަށެވެ.
އެ އެސެމްބްލީ ބާއްވާނީ، އެ ދުވަހުގެ ހެނދުނު 10:00 އިން 10:30 އާ ދެމެދުގެ ވަގުތެއްގައެވެ.
ދިވެހި ބަހުގެ އެކެޑަމީން އިތުރަށް ބުނީ، ދިވެހި ބަހަށް އޮންނަ ލޯބި އިތުރުކުރުމަށްޓަކައި، ދިވެހި ބަހުގެ ދުވަހުގައި އޮފީސްތަކުގެ މެދުގައި އަތު ލިޔުމުގެ މުބާރާތެއްވެސް ބާއްވާނެ ކަމަށެވެ.