ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނޫސްވެރިންގެ ކަރަށް ބާރުކުރުމަށް މި ސަރުކާރުން ގާނޫނުތަކެއް ނުހަދާނެ: ރައީސް

1

ނޫސްވެރިން ފާޅުކުރާ ހިޔާލެއްގެ ސަބަބުން މި ސަރުކާރުން ނޫސްވެރިޔާ ހިފައި ހައްޔަރު ނުކުރާނެ ކަމަށާއި ނޫސްވެރިންގެ ކަރަށް ބާރުކުރުމަށް ގާނޫނުތައް ނުހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސް ސޯލިހު ފޮނުއްވި ހިޠާބުގައި އެމަނިކުފާނު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި ދަމަހައްޓަމުން އައި ސަގާފަތަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ލަގަން ސަރުކާރުގެ މުށުތެރޭގައި ބޭއްވުން ކަމަށާއި މި ސަރުކާރު ފެށުނުއިރުވެސް ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ "އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުކުރުމުގެ ގާނޫނު"ގެ ވަކިތަކުން ހިފަހައްޓައި، ކަސްތޮޅު އަޅުވާފައި ކަމަށެވެ.

"ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ގާއިމުކުރުމަށް މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި، ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެއެވެ. ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މިހާރު ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު، 22 ޕޮއިންޓުގެ ކުރިއެރުމަށް ހޯދައި، 120 ވަނައިން 98 ވަނައަށް ކުރިއަށް ޖެހިފައެވެ. ދިވެހި އެންމެހައި ނޫސްވެރިންނަށާއި ލޮބުވެތި ރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ޔަގީންކޮށް އަރުވާނީ، ފާޅުކުރާ ހިޔާލެއްގެ ސަބަބުން، މި ސަރުކާރުން ނޫސްވެރިޔާ ހިފައި ހައްޔަރު ނުކުރާނެ ކަމެވެ. ނޫސްވެރިންގެ ކަރަށް ބާރުކުރުމަށް ގާނޫނުތައް ނުހަދާނެ ކަމެވެ..،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ހިޠާބުގައި ވިދާޅުވީ މި ސަރުކާރު އުފެދުމަށްފަހު އެމަނިކުފާނު އެންމެ ފުރަތަމަ ތަސްދީގުކުރެއްވި ބިލަކީ އަބުރުގެ ގާނޫނު އުވައިލުމުގެ ބިލުކަން ވަރަށް އުފަލާއެކު ފާހަގަކުރާ ކަމަށާއި އެ ގާނޫނު އުވާލައި، ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން، މި ސަރުކާރުން އަނބުރައި ހޯދައިދިނީ މިނިވަން ނޫސްވެރިކަމުގެ ޒަރީއާއިން، ދައުލަތުގެ ބާރުތައް ޒިންމާދާރު ކުރުވުމުގެ ބޭނުމުގައި ކަމަށެވެ. އަދި ވައްކަމާއި ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިން، ދައުލަތުގެ މުއައްސަސާތައް ސަލާމަތްކުރުމުގެ މަގުސަދުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުން މަސައްކަތްކުރަމުން މި އަންނަނީ، މިހާރަށްވުރެ ވެސް މިނިވަން ވެށްޓެއްގައި ނޫސްވެރިކަން ކުރެވޭނެ މަގު ފަހިކޮށްދިނުމަށެވެ. ހަމައެއާއެކު، ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް، ސަރުކާރުން މި އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމުގެ ގޮތުން، ސަރުކާރުގެ އެންމެހައި ކަންކަން ހިނގަމުންދާނީ ވީހާވެސް ދެފުށް ފެންނަ ގޮތަށެވެ. އަދި ސަރުކާރުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ނޫސްވެރިންނަށް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ..،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަށް މި ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ވަރަށް އިހާނެތި ގޮތަކަށް މަރާލާފައިވާ އިންޓަރނެޓް ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއަށް އިންޞާފު ހޯދައިދިނުން ކަމަށާއި އެކަމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތް ހުއްޓުމެއްނެތި، ކުރިއަށްދާނެ ކަމަށެވެ. އެ ދެ ޒުވާނުންގެ މަސައްކަތް ރަމްޒުކޮށްދެނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުހިންމުކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދައުލަތެއްގައި ރައްޔިތުން ތިބުމުގެ ބޭނުމަކީ އެ ދައުލަތުގެ ކަންކަމާ މެދު ހިޔާލު ފާޅުކޮށް، ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމެވެ. ދައުލަތެއްގައި ވެރީންތަކެއް ތިބުމުގެ ބޭނުމަކީ ރައްޔިތުންގެ ފާޑުކިޔުންތައް އަޑުއަހައި، ރައްޔިތުން އެދޭގޮތަށް ދައުލަތުގެ ކަންކަން އިސްލާހު ކުރުމެވެ. ހިޔާލު ފާޅުކުރުމާއި މައުލޫމާތު ފެތުރުމަކީ ހައްގަކަށްވާ ފަދައިން، އެ ހައްގާ ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ވެސް ހުރިކަން ހަނދާން ކުރަންޖެހެއެވެ. އެއީ ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމާއި ތެދު މައުލޫމާތު ފެތުރުމެވެ..،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމާއި ތެދު މައުލޫމާތު ފެތުރުމުގެ ޒިންމާއަށް އިހުމާލުވެއްޖެ ނަމަ، މުޖުތަމައުގައި ފިތުނަ ފަސާދަ އުފެދި، ޑިމޮކްރެސީއަށް ހީނަރުކަން އަންނަ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟