މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް ޝައިހް އިއްޒައްދީން އަދްނާން އައްޔަން ކުރައްވައިފިއެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކުރެއްވީ ރޭ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އިއްޒައްދީނަކީ 2008 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ އެކިއެކި މަގާމުތައް ފުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީގެ މުސާއިދު ވާއިޒުގެ މަގާމުގައެވެ.
ޝައިހް އިއްޒުއްދީން މަތީ ތައުލީމް ހާސިލުކުރެއްވީ ޕާކިސްތާނުގެ އިސްލާމީ އާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ. އަދި 2016 ވަނަ އަހަރު މާސްޓާ އޮފް ޝަރީއާ ކޯސް ފުރިހަމަ ކުރައްވައި ބުކް ޕްރައިޒްވެސް ހާސިލު ކުރެއްވި އިރު، އޭނާ މިހާރު ގެންދަވަނީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ޕީއެޗްޑީ ހާސިލުކުރައްވަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އުފެއްދެވީ 18 ޑިސެމްބަރު 2023ގައެވެ. އެ ތަން ރަސްމީކޮށް އިފުތިތާހު ކުރީ 2 ޖެނުއަރީ 2024ގަ އެވެ.