ޚަބަރު

މާމިގިލީގެ ސިއްހީ ހާލަތު ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެރަށުގެ ޒުވާނުން ސުލްހަވެރި މުޒާހަރާއެއް ބާއްވައިފި

އަލީ އިހްސާން

އދ. މާމިގިލީގެ ސިއްހީ މަރުކަޒަށް ދިމާވެފައިވާ ދަތިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި އެރަށުގެ ޒުވާނުން އިސްނަގައިގެން ސުލްހަވެރި މުޒާހަރާއެއް ބާއްވައިފިއެވެ.

މި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެއްކަމުގައިވާ އަހްމަދު ސޫޒީ މަހްމޫދު "ވަން އޮންލައިން"އަށް މައުލޫމާތުދެމުން ބުނީ އެއްވެސް ސަރުކާރަކުން މާމިގިލީގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށްޓައި އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް ކަމަށާއި ފާއިތުވެދިޔަ ތަނުގައި ވަރަށް ގިނަ ފަރުދުންނަށް އެކަމުގެ ސަބަބުން ގެއްލުންތަކެއްވެ، ބައެއް ފަރާތްތައް ދުނިޔެ ދޫކޮށް ދާންޖެހިފައިވާ ކަމަށެވެ.

މާމިގިލީގައި ދިރިއުޅޭ މީހުންގެ އަދަދު 5000 އަށްވުރެ މަތީގައި އުޅޭ އިރު، އެ ރަށު ސިއްހީ މަޒުކަޒުން އެންމެ އަސާސީ ހިދުމަތްތައްވެސް ލިބެން ނެތްކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން އެކްރޭ ފަދަ ހިދުމަތެއް ނުވަތަ ސްކޭންގެ ހިދުމަތްފަދަ ހިދުމަތްތައް އެރަށުން ލިބެން ނުހުންނަކަން އޭނާ ފާހަގަކުރިއެވެ.

ސޫޒީ ބުނީ އުއްމީދަކީ މި ސަރުކާރުން ވީހާވެސް އަވަހަކަށް ސިއްހީ ނިޒާމު ހަރުދަނާކޮށް ރަނގަޅަށް ކުރިއަށް ގެންދިއުން ކަމަށާއި މިކަމަކީ އެއްވެސް ސިޔާސީ ކުލައެއް ޖައްސައިގެން ނުވަތަ ސިޔާސީ މަންފާއެއް ހާސިލުކުރުމަށްޓަކައި ކުރަމުންގެންދާ ކަމެއް ނޫން ކަމަށެވެ. މި ކަންތައްތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި، މި ސުލްހަވެރި މުޒާހަރާ ސިލްސިލާކޮށް ކުރިއަށް ގެންދަން ވަނީ ހަމެޖެހިފައެވެ. މިއަދު ހަވީރު 4:00 އިން 5:15 އަށް ކުރިއަށް ގެންދިޔަ މުޒާހަރާގައި 35 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެފައިވެއެވެ.

މާމިގިލީ ސިއްހީ މަރުކަޒުގެ ހާލަތު ސަރުކާރުގެ ސަމާލުކަމަށް ގެންނަން ޒުވާނުން އިސްނަގައިގެން މުޒާހަރާއެއް ބޭއްވި އިރު، އިއްޔެ މާމިގިލީ އެއާޕޯޓުގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް ވަރަށް ބޮޑަށް އަނިޔާވެ، އޭގެ ތެރެއިން އެކަކު މަރުވެފައެވެ. އަނިޔާވި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު މާލެ ގެނެސް ފަރުވާ ދީފަވާ އިރު، އަނެއް މީހާ ނިޔާވެފައިވަނީ މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.