ޚަބަރު

އެމެރިކާ އިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ހިމެނެނީ ގޯސް މައުލޫމާތުތަކެއްކަން ވަނީ އަންގާފައި: ޝާހިދު

އަލީ އިހްސާން

ރާއްޖެއަށް ޒިޔާރަތްކުރާ އެމެރިކާ ރައްޔިތުން ސަމާލުވުމަށް އަންގައި އެގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު އެޑަވައިޒަރީގައި ހިމެނެނީ ގޯސް މައުލޫމާތުތަކެއްކަން އެމެރިކާ އެމެރިކާ އެމްބަސީން އަންގާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓުން މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބައެއް މައުލޫމާތު ނުބައިކޮށް ދެވިފައި ހުރި ކަމަށް އެމެރިކާ އެމްބަސީން ބުނެފައިވާ ކަމަށެވެ. އަދި އެއީ ހެދުނު ގޯހެއް ކަމަށާއި ވީ އެންމެ އަވަހަކަށް އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްބަސީން ބުނެފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވެއެވެ.

އެމެރިކާ އިން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލައިނާ ޓެޕްލިޓްޒް ވެސް ވަނީ އެ ޓްރެވަލް އެޑްވައިޒަރީއަކީ މާކުރިން ނެރެފައިވާ އެއްޗެއް ކަމަށާއި އަލުން އެ އެޑްވައިޒަރީ އާންމުކުރެވުނީ އޮޅުމަކުން ކަމަށް ވިދާޅުވެ ޓުވީޓް ކުރައްވައިފައެވެ. ހަމަ އެހެންމެ ވަރަށް އަވަހަށް އެކަން ރަނގަޅުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ރާއްޖެއިން ސްޓޭޓް އޮފް އެމަޖެންސީ (އެސްއޯއީ)އެއް ނެރެފައިވާ ކަމާއި މާފުށީ ޖަލުގައި ހަމަނުޖެހުންތަކެއް ހިނގާކަން ފާހަގަކޮށްފައިވެއެވެ.