ހއ. ދިއްދޫގައި އެކަނި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ 72 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާޝިމް ވަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަރުވެފަވަނީ ދިއްދޫގައި އެކަނި އުޅެމުން ދިޔަ އަބްދުﷲ އިބްރާހިމް ކިޔާ މީހެއް ކަމުގައެވެ. އޭނާ މަރުވީ އެއްވެސް ވަރަކަށް ބިލިވެގެން އުޅެފައި ނޫން ކަމަށާއި އޭނާ ދިރިއުޅެމުން ގެންދިޔައީ އެހެން މީހުންނާ ވަކިން އެހެން ގެއެއްގައި ކަމުގައެވެ. އޭނާއަކީ އާއްމުކޮށް މިސްކިތަށް ގޮސްއުޅޭ މީހެއް ކަމަށާއި އޭނާ ނުފެންނަތާ ދެދުވަސް ވުމުން އެރަށުގެ މީހުން އެކަން ފުލުހުންނަށް ރިޕޯޓްކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުﷲ އިބްރާހިމްގެ އެއްވެސް ދަރިއަކު ނެތް ކަމަށާއި ނަމަވެސް އޭނާގެ ތިމާގެ ބައެއް ފަރާތްތަކުން ރަށުގައި އުޅެމުންގެންދާ ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ އަބްދުﷲ އިބްރާހިމްގެ މައްޗަށް ކަށުނަމާދުކޮށް މިރޭ 6:45 ހާއިރު ވަޅުލާފައިވާ ކަމުގައެވެ.