ޚަބަރު

ފަނޑިޔާރުންނާމެދު ރުޅިވެރިކަން އުފައްދަން ވާހަކަ ދައްކަނީ، ދުސްތޫރީ ނިޒާމު ފުނޑު ފުނޑު ކޮށްލަން: ސުޕްރީމް ކޯޓުު

އިބްރާހިމް ޒަކީ

އުސޫލުތަކާ ހިލާފްވާގޮތަށް ކޯޓު ތަކާއި ފަނޑިޔާރުންނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ވާހަކަ ދައްކަނީ، ސިޔާސީ މަގުސަދެއް ހާސިލްކޮށް، ދުސްތޫރީ ނިޒާމު ފުނޑު ފުނޑުކޮށްލުމަށް ކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.

މިކަން ފާހަގަކޮށް ސުޕްރީމްކޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޯޓުތަކުުގެ މިނިވަންކަން ރައްކާތެރި ކުރުމާއި ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތް ކޮށްދިނުމަކީ ދައުލަތުގެ އިދާރާތަކާއި، ދައުލަތުގެ ކަންތައްތައް ހިިންގުމާ ހަވާލުވެތިބި އެންމެންގެ މައްޗަށް ގާނޫނުއަސާސާިގެ 141 ވަނަ މާއްދާއިން ލާޒިމުކޮށްފައިވާ ކަމެއް ކަމަށެވެ.

ކޯޓުތަކަކީ އަދުލު އިންސާފު ގާއިމުކޮށް، ގާނޫނު ނަގަހައްޓައި، ރައްޔިތުންގެ ހައްގުތަކާއި ދައުލަތުުގެ މަސްލަހަތުތައް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ އިންތަކާއި މިންތަކުގެ ތެރެއިން ރައްކާތެރިކުރުމުގެ ދުސްތޫރީ ވާޖިބު އަދާކުރާ ތަންތަންކަމަށް ވެސްބުނެފައިވެއެވެ.

ނަމަވެސް އެތަންތަނުގެ ހުރުމަތް ކަނޑައި އެތައްތަނުގެ އިތުބާރު ގެއްލުވާލައިގެން ނާޖާއިޒު މަގުސަދުތަކެއް ހާސިލް ކުރުމަށްޓަކައި މަދު ބަޔަކު ހިންގަމުންދާ ނޭދެވޭ އަމަލު ތަކަކީ އޭގެ ސަބަބުން ދިވެހި ދައުލަތުގެ ހައިބަތާއި ކަރާކާތް ގެއްލިގެން ހިނގައިދާނެފަދަ އަމަލުތަކެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"އެފަދަ އަމަލު ތަކަކީ ގާނޫނުއަސާސީގެ 27ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި، ބިނާ ކުރަނިވި ފާޑު ކިއުމުގެ ދާއިރާއިން ބޭރުގައިވާ އަމަލުތަކެއެ ކަމަށާއި، އެއީ ފަނޑިޔާރުންނަށް ބިރު ދައްކައި، ޝަރުއީ ދާއިރާ އާއި ކޯޓުތަކުގެ މައްޗަށް ނުފޫޒު ފޯރުވައި، ސިޔާސީ މަގުސަދުތަކެއް ހާސިލް ކުރުމަށް ދުސުްތޫރީ ނިޒާމް ފުނޑު ފުނޑުކޮށް ސުންނާާފަތި ކުރުމުގެ ނުބައި މަގުސަދުގައި ކުރަމުންގެންދާ ނޭދެވޭ އަމަލުތަކެކެވެ.،" ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ބަޔާނެއްގައި ބުނެފައިވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް ފަނޑިޔާރުންގެ ބޮލުގައި ދޮގު ތުހުމަތުތައް އަޅުވައި، ނަފްރަތު އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރަމުންދާ ކަން ހިތާމައާ އެކު ފާހަގަކުރާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ތަކުރާރު ނުކުރުމަށް ސުޕްރީމް ކޯޓުުން ވަނީ އިލްތިމާސް ކޮށްފައެވެ.

"ކޯޓު ތަކާއި ފަނޑިޔާރުންނާމެދު ނަފްރަތާއި ރުޅިވެރިކަން އުފެދޭގޮތަށް، އަދި ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭގޮތަށް އެއްވެސް އަސާސެއްނެތް ދޮގު ވާހަކަތައް ފަތުރައިގެން، ފަނޑިޔާރުންގެ އަބުރު ކަތިލައި، ފަނޑިޔާރުންނަށް ބިރު ދެއްްކުމާއި، ރައްޔިތުން ކޯޓުތަކަށް ކުރާ އިތުބާރާއި އިހުތިރާމް ކަނޑުވާލުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތް ތަކަކީ، ޝަރުއީ، އަދި ދުސްތޫރީ އަދި އާލަމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފް އަމަލުތަކެއް ކަމަށްވާތީ، އެފަދަ ކަންކަން މިހާރުން މިހާރަށް ހުއްޓައިލުމަށާއި އަދި އެފަދަ ވާހަކަތައް ތަކުރާރު ނުކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.،" ސުޕްރީމްކޯޓުން ބުނެފައިވެއެވެ.