ޚަބަރު

ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި

މުހައްމަދު އިޝާން

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ހިލާލީގެއަށް ބަދަލުވެވަޑައިގެންފިއެވެ.

އެ މަނިކުފާނު ހިލާލީގެއަށް ބަދަލުވެވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ހިލާލީގެ މަރާމާތު މަސައްކަތްކޮށް ނުނިމޭތީ ނައިބު ރައީސް އިއްޔެއާ ހަމައަށް ދިރިއުޅުއްވީ ހުޅުމާލޭގައި ހުންނަ އެ މަނިކުފާނުގެ އެޕާޓުމެންޓުގައެވެ.

ނައިބު ރައީސް، މަގާމުގެ ހުވާ ކުރެއްވުމަށްފަހު، ދިރިއުޅުއްވަމުން ގެންދެވީ ހިލާލީގޭގައި ކަމަށާއި ނަމަވެސް ހިލާލީގެ، ޗީފް އޮފް ސްޓާފް ޖާސޫސް ކުރާތީ، ނައިބު ރައީސް ހިލާލީގެއިން ނުކުމެވަޑައިގެން، އަމިއްލަ އެޕާޓުމެންޓަށް ބަދަލުވެވަޑައިގެންފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ މީގެ ކުރިން އަޑުތަކެއް ފެތުރިފައެވެ.

އެ ވާހަކަތައް ދޮގުކުރައްވައި ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ މަނިކުފާނާ ގުޅުވައި ފަތުރަމުންދަނީ އެއްވެސް ވަރަކަށް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ދޮގުތައް ހަދައި މުޖުތަމައު ފަސާދަކުރުން ހުއްޓާލުމަށް ގޮވާލާ ކަމަށް ނައިބު ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވަނީ މި ރޯދަ މަހުގެ ފަހު ދިހައިގެ ތެރޭގައި ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގަންނަވާނެ ކަމަށެވެ.