ހެޔޮކަމެއް ކުރެވުމުން އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެން ޖެހޭ ކަމަށާއި ކުރެވުނު އަމަލުގެ ގިނަކަމުން، ސުވަރުގެ ޔަގީންވީ ކަމަށް ދެކިގެން ނުވާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ކުރިން ކުރެވިފައިވާ ހެޔޮ އަމަލުތަކަކީ ގިނަގުނަ އަމަލުތަކެއް ކަމުގައި ދެކިގެންނުވާނެ ކަމަށާއި އެހެނީ ކުރެވުނު ހެޔޮ އަމަލުތަކަށްޓަކައި ބޮޑާވެ، އެއީ މާގިނަ ހެޔޮ އަމަލުތަކެއް ކަމުގައި ދެކޭ ނަމަ، އެ އަމަލުތައް ބާތިލުވެދާނެ ކަމަށެވެ.
"އަހަރެމެންނަށް ހެޔޮކަމެއް ކުރެވުމުން، އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެން ޖެހެއެވެ. ކުރެވުނު ޢަމަލުގެ ގިނަކަމުން، ސުވަރުގެ ޔަޤީންވީ ކަމަށް އަހަރެމެން ދެކިގެން ނުވާނެއެވެ..،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ރަމަޟާން މަސް އަލްވަދާއު ކިޔަސް، ފުރިހަމަ މުއުމިނަކު ދުވަހަކު ވެސް ހެޔޮ އަމަލު ކުރުމަކަށް އަލްވަދާއެއް ނުކިޔާނެ ކަމަށާއި އެހެންކަމުން އޮތީ ރަމަޟާން މަސް ނިމުމަށް ފަހުގައިވިޔަސް، ހެޔޮ އަމަލު ކުރުންމަތީ ދެމިތިބުން ކަމަށެވެ. އަދި ޔަގީންވެގެންވާ މަރު އަހަރެމެންނާ ބައްދަލުކޮށްފުމަށް ދާންދެން ހެޔޮ އަމަލުކުރުންމަތީ ދެމިތިބެން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.
"އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނޭ ކަމެއް ނޫނެވެ. އެހެނީ ރަމަޟާންމަހުގެ ވެރި ﷲ އަކީ، އެހެނިހެން މަސްތަކުގެވެސް ވެރި ﷲ އެވެ. މުއުމިނުންނަކީ ވަކި މަހެއްގައި، ވަކި މޫސުމެއްގައި، ﷲ އަށް އަޅުކަން ކުރަން ޖެހޭ ބައެއް ނޫނެވެ. މުޅި ހަޔާތުގައި ވެސް އަޅުކަން ކުރަންޖެހޭނެއެވެ. ބައެއް މޫސުންތަކުގައި އަޅުކަން ކުރުން ގިނަވެއެވެ. ރަމަޟާން މަހަކީ އެފަދަ މޫސުމެކެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ..،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ މުސްލިމަކު ހެޔޮ އަމަލެއް ކުރުމަށްފަހު އެންމެ މުހިންމު ކަމަކީ އެ އަމަލު ގަބޫލުކުރައްވާތޯ ދެންނެވުމާއި، އެ އަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީގަށް އެދި ދުއާ ދެންނެވުން ކަމަށާއި ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެން މިދަނީ، ޝައްވާލު މަހުގެ ހަ ރޯދައިގެ ނިއުމަތަށް މަގު ފަހިކޮށްދީފައި ކަމަށެވެ. އެހެންކަމުން ހެޔޮކަމަށް އެދޭ މީހަކަށްވެ، ދީލަތިވަންތަ ﷲ ދެއްވި މި ނިއުމަތުގެ ބޭނުން ހިފުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.